ޖަޒީރާ ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ކުރުމަށް އިސްކަންދީގެން: ޝާހިދު

26 Aug 2019 | 16:13

ޖަޒީރާ ދިވެހިރާއްޖެއެއް ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ކުރުމަށް އިސްކަންދީގެންކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ އއ.އުކުޅަސް ކޮންވެންޝަން ސެންޓަރ އަދި އެތަނުގައި ބާއްވާ "ސްކީމާ 2019" ޓެކް ފެއަރ އިފްތިތާހުކުރުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޖަޒީރާވަންތަ ރާއްޖެ ތަރައްޤީކުރެވޭނީ، ލާމަރުކަޒީ ކުރުމަށް އިސްކަންދީ ކައުންސިލްތައް ބާރުވެރި ކުރުވައިގެންކަމަށެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ލިބޭނޭގޮތް ފަހިކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ މުހިންމު އަމާޒުކަމަށާއި މި ސަރުކާރުގެ އެންމެ ފުރަތަމަ ވައުދުކަމަށެވެ. އަދި މިއަދު ހުޅުވިގެން ދިޔަ ކޮންފަރެންސް ސެންޓަރުގެ ސަބަބުން، އެ އަމާޒަށް ކުރާ ދަތުރުގެ ސްޕީޑް އަވަސް ވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

"މި ސެންޓަރުގެ ސަބަބުން އުކުޅަހަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން ޔަގީން. އިތުރު ވިޔަފާރިތަކަށް ފުރުޞަތު ލިބިގެންދާނެކަން ޔަޤީން. ރާއްޖޭގައިވެސް މިފަދަ ކޮންފަރެންސްތައް ބޭއްވޭނެކަމުގެ އިތުބާރު އާވެގެންދާނެކަން ޔަޤީން. ރީތިނަމެއް ލިބިގެންދާނެކަން ޔަޤީން" ޝާހިދު ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުން ދޭ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދީ، ޑިޖިޓަލައިޒޭޝަނަށް މަގުފަހިވާނެ ފަދައިން ސިޔާސަތުތައް ކަނޑައެޅިގެން ދިއުމަކީ ސަރުކާރުގެ އެއް އަމާޒެވެ.

Advertisement

ކޮމެންޓް

Advertisement