ފުލުހުންގެ ޒަމާނީ ބައެއް ޓެކްނޮލޮޖީތައް ޓެކް ފެއާގައި ދައްކާލައިފި

26 Aug 2019 | 20:05

ފުލުހުން ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީގެ ބައެއް ވަސީލަތްތައް އުކުޅަހުގައި ކުރިއަށްދާ ޓެކް ފެއާގައި ދައްކާލައިފިއެވެ.

އުކުޅަހުގައި މިއަދު ހުޅުވި ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި ފެއާގައި، ފުލުހުން މިހާރުވެސް ބޭނުންކުރަމުންދާ ބައެއް ސިސްޓަމްތަކާއި އާލާތްތަކުގެ އިތުރުން މިހާރު ޑިވެލޮޕް ކުރަމުންދާ ބައެއް ސިސްޓަމްތައް ދައްކާލާފައިވެއެވެ.

އެގޮތުން، ޕްފޮފެސަރ ޙަސަން އުގައިލްއާއެކު ފުލުހުން ކުރިއަށްގެންދާ އެކްސެލެރޭޓަރ ޕްރޮގްރާމްގެ ދަށުން ޑިވެލޮޕް ކުރަމުންދާ ފޭސް ރިކޮގްނިޝަން ސިސްޓަމް ގެ ޕްރޮޓޯޓައިޕް ތަޖުރިބާ ކުރުމުގެ ފުރުޞަތު މި ފެއާއިން ލިބިގެންދާނެއެވެ.

އޭގެ އިތުރުން، ފުލުހުންގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސަރވިސަސް އިން އިމްޕްލިމެންޓް ކުރަން ފަށާފައިވާ، ނަމްބަރ ޕްލޭޓް ރެކޮގްނިޝަން ސިސްޓަމާއި ޑިވޮލޮޕް ކުރުމުގެ މަސައްކަތްކުރަމުންދާ އޮބްޖެކްޓް ރެކޮގްނިޝަން ސިސްޓަމްގެ ޕްރޮޓޯ ޓައިޕެއްވެސް މި ފެއާ އިން ފެނިގެންދާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ބޭނުންކުރާ ޒަމާނީ މުވާސަލާތީ ވަސީލަތްތައް ދަައްކާލުމުގެ އިތުރުން ތަހުގީގުތަކުގައި ބޭނުންކުރާ އިންޓަރވިއު ރެކޯޑިން ސިސްޓަމް މަސައްކަތްކުރާ ގޮތްވެސް މި ފެއާގައި ދައްކާލާނެއެވެ.

މިއަދުން ފެށިގެން މިމަހު 28 ގެ ނިޔަލަށް ކުރިއަށްދާ ޓެކް ފެއާ ރަސްމީކޮށް ފަށްޓަވައިދެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ޓެކް ފެއާ އާއެކު ކުރިއަށްދާ ސައިންސްވެރިންގެ ކޮންފެރެންސްގައި ފުލުހުންގެ ބައެއް އިސް ވެރިން ބައިވެރިވެލައްވައެވެ.

Advertisement

ކޮމެންޓް