މަޖިލީހުގެ އާ ގަވާއިދު ފާސްކޮށްފި

26 Aug 2019 | 21:25

ބޮޑެތި އިސްލާހުތަކަކާއެކު ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މަޖިލިހުގެ ގަވައިދު ދިރާސާކުރި ކޮމިޓީން ފޮނުވި ރިޕޯޓު މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ އިއްތިފާގުންނެވެ.

ރިޕޯޓަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލިހުގައި ވިދާޅުވީ އެޖެންޑާ 19 ގައި ބުނަމުން ދިޔަ، ނަޒާހަތްތެރި މަޖިލިހެއް ބިނާކުރުމަށް ގެންނަން ޖެހޭ ބަދަލުތަކާއި އިސްލާހުތައް ގަވައިދަށް ގެނެސްފައިވާނެ ކަމަށެވެ.

އިސްލާހުތަކުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާ ބިލުތަކާއި ގަރާރުތަކާއި ކުއްލި މައްސަލަތަކުގައި ކުއްލި މައްސަލަތަކުގައި ގާނޫނު އަސާސީއާއި ހިލާފު އެއްވެސް ކަމެއް ވާތޯ ބެލުމަށް ފަހު މަޖިލިހުގެ ކައުންސިލާ ޖެނެރަލްގެ ގާނޫނީ ލަފާ މެންބަރުންނަށް ފެންނާނެ ގޮތަށް ދިނުން ހިމެނެ އެވެ.

ނަޒާހަތްތެރި މަޖިލިހަށް ބިނާ ކުރާ އިރު، މަޖިލިހުގެ މެމްބަރުންގެ އެކަނި މާލީ ބަޔާން ހުށަހެޅުމުގެ ބަދަލުގައި މެމްބަރުންގެ އަނބިންނާއި ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ވެސް ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް ކޮރަޕްޝަންގެ އަމަލުތައް ނެތިގެން ދާނީ ނަޒާހަތްތެރި މަޖިލިހެއް ބިނާ ކުރެވިގެންނެވެ.

މީގެއިތުރުން މިނިވަން، މުސްތަގިއްލު މުއައްސަސާތަކަށާއި ބޯޑަށް މެމްބަރުން އައްޔަން ކުރުމުގައި މާކްސް ނުދޭ ގޮތަށް ގަވައިދަށް އިސްލާހު ގެނެސްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެ އިސްލާހު ގެންނަން ނިންމެވީ 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިހުގައި މުއައްސަސާތަކަށާއި ބޯޑުތަކަށް ނެގި މެމްބަރުން ފެއިލްވެގެން ދިޔަ ގޮތަށް 19 ވަނަ މަޖިލިހުގައި ފެއިލްވާން ބޭނުން ނުވާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ އިސްލާހުގެ ބަދަލުގައި ގަވައިދަށް އަލަށް އިތުރު ކުރި ބައިގައި ބުނެފައި ވަނީ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު ކޮމިޝަންތަކަށް މީހުން އައްޔަން ކުރުމާއި ރުހުން ދިނުމުގައި އަމަލު ކުރާ އިރު، އެމީހުންގެ ޝަރުތު ފުރިހަމަވޭތޯ މަޖިލިހުގެ މުވައްޒަފުންގެ ޕެނަލަކުން ބަލަން ވާނެ ކަމަށެވެ.

ގަވައިދަށް ގެނައި އިސްލާހުގެ ތެރޭގައި މަޖިލިހުގެ ކޮންމެ ޖަލްސާއެއް ފެށުމުގެ ކުރިން ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ އަދަދާއި، ސަލާމުގައި ތިއްބެވި މެންބަރުންގެ އަދަދާއި، ރަސްމީ ދަތުރުތަކުގައި ތިއްބެވި މެންބަރުންގެ އަދަދު މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރަން ވާނެ ކަމަށް އެ އިސްލާހުގައި ވެއެވެ. އަދި މަޖިލިހުގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާ އިރު، ހާޒިރުވެވަޑައިގަންނަވާ މެމްބަރުންގެ އަދަދު އިއުލާން ކުރަނީ ޖަލްސާ ފެށީމަ އެވެ.

ގަވައިދަށް ގެނައި އެހެން ބޮޑު އިސްލާހެއްގައި ވަނީ މަޖިލިހުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މަހެއްގެ މައްޗަށް ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެ ނަމަ މެންބަރުންގެ މުސާރަ އިން 50 ޕަސަންޓު އުނިވާނެ ކަމަށެވެ. އެކަށީގެންވާ އުޒުރެއްގެ ގޮތުގައި ބަލާނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީ ކަމަށް ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ. މިއީ ބޮޑު ބަދަލެކެވެ.

ގަވައިދަށް ދެން ގެނައި އިސްލާހުގެ ތެރޭގައި ކޮމިޓީ އެލަވަންސް ދޭ ގޮތެވެ. ކޮމިޓީއަކުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން 50 ޕަސަންޓު ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ، 20،000ރ. ގެ އެލަވަންސް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އަދި ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން 50-75 ޕަސަންޓު ބައްދަލުވުންތަކަށް މެމްބަރަކު ވަޑައިގެންފި ނަމަ، ލިބިވަޑައިގަންނަވާނީ އެލަވަންސްގެ 50 ޕަސަންޓެވެ. 20،000ރ. ގެ އެލަވަންސް ލިބިވަޑައިގަންނަވާނީ 75 ޕަސަންޓަށް ވުރެ ގިނަ ބައްދަލުވުންތަކަށް ވަޑައިގަތުމުން ކަމަށް އިސްލާހުގައި ވެއެވެ.

Advertisement

ކޮމެންޓް