އައްޝައިޚް މުޙައްމަދު ސިނާން މައުމޫނަށް ރައްދު ދެއްވައިފި!

31 Aug 2019 | 16:58

ހާދިސާއަކާ ގުޅިގެން ޞަޙާބީއަކު ޙަދީޘެއް ރިވާ ކުރުމަކީ ދޮގު ތުހުމަތު ކުރެވޭނެކަމެއް ނޫންކަމަށާއި އަހްލުއްސުންނަތުގެ ޢިލްމުވެރިންގެ އަރިހުގައި ހުރިހާ ޞަޙާބީންނަކީވެސް ޢަދުލުވެރި ބޭކަލުންކަމަށް ބުނެ އައްޝައިޚް މުޙައްމަދު ސިނާން ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމަށް ރައްދު ދެއްވައިފިއެވެ.

ޙަދީޘް ޢިލްމުގެ ދާއިރާއިން މަދީނާ ޔުނިވަރސިޓީން މަތީތަޢުލީމު ޙާޞިލުކުރައްވާފައިވާ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޙައްމަދު ސިނާން އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި މިއަދު ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ މައުމޫނު ޢަބްދުލް ޤައްޔޫމުގެ ނަމުގައި، 26 އޮގަސްޓު 2019 ގައި އޮފީސް އޮފް ފޯމާ ޕްރެޒިޑެންޓް މައުމޫނު ކިޔާ އޮފީހަކުން ނެރިފައިވާ ލިޔުމެއްގައި ދޮގެއް ތެދެއް ނުބަލައި ޞަޙާބީއަކަށް އެއްޗެހި ގޮވާފައިވާކަމަށެވެ. އަދި މިފަދަ ފަރާތްތަކާމެދު ޚަބަރުދާރުވުމަށް ގޮވާލައްވާފައިވެއެވެ.

”މައުމޫނު ޢަބްދުލް ޤައްޔޫމުގެ ނަމުގައި، 26 އޮގަސްޓު 2019 ގައި އޮފީސް އޮފް ފޯމާ ޕްރެޒިޑެންޓް މައުމޫނު އިން ނެރިފައިވާ މިލިޔުން ލިޔެފައިވާ ފަރާތްމިވަނީ ދޮގެއް ތެދެއް ނުބަލައި ޞަޙާބީއަކަށް އެއްޗެހި ގޮވާފަ. މުޣީރާ ބިން ޝުޢުބާއަށް ޒިނޭގެ ތުހުމަތު ކުރެވުމުން އެކަމަށް ހެކިވެރިވި ބޭކަލެއް އަބޫބަކްރާ ރަޟިޔަﷲ ޢަންހުއަކީ. ޒިނޭކުރިކަމަށް 4 ހެކިން ބޭނުންވާއިރު، ހެކި ހަމަނުވުމުގެ ސަބަބުން ހައްދު ޖެއްސެވީ. އެއްވެސް ޙާލެއްގައި ދޮގަކަށް ވެގެނެއް ނޫން. ހެކި ހަމަނުވީމަ ޙައްދު ސާބިތުވޭ. ހާދިސާއަކާ ގުޅިގެން ޞަޙާބީއަކު ޙަދީޘެއް ރިވާ ކުރުމަކީ ދޮގު ތުހުމަތު ކުރެވޭނެކަމެއް ނޫން. އަދި އަހްލުއްސުންނަތުގެ ޢިލްމުވެރިންގެ އަރިހުގައި ހުރިހާ ޞަޙާބީންނަކީވެސް ޢަދުލުވެރިން.“ ޝައިޚް ސިނާން ވިދާޅުވެފައިވެއެވެ.

ޝައިޚް ސިނާން މިފަދައިން ހާމަކޮށްފައިވަނީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ދެ އަންހެން ފަނޑިޔާރުން އައްޔަނު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ނަން ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. މިމައްސަލައިގައި ރާއްޖޭގެ އިތުބާރުހިފޭ އެތައް ޢިލްމުވެރިންނެއްވަނީ ދެކޮޅު ހައްދަވައި، ޙައްޤުބަސް ބަޔާންކޮށްދެއްވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް