Advertisement

ޔުއެފާ ޕްރެޒިޑެންޓްސް އެވޯޑް ޔުނައިޓެޑުގެ ލެޖެންޑް ކެންޓޮނާއަށް

28 Aug 2019 | 07:31

ޔުއެފާ ޕްރެޒިޑެންޓްސް އެވޯޑް މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް އެރިކް ކެންޓޮނާއަށް ދިނުމަށް ޔުއެފާއިން ނިންމައިފިއެވެ.

މިކަމައި ގުޅޭގޮތުން ވާހަކަ ދައްކަމުން ޔުއެފާގެ ރައީސް އެލެކްސާންޑާ ބުނީ ކެންޓޮނާއަށް މި އެވޯޑް ހައްގުވަނީ އޭނާ އެންމެ މަތީ ފަންތީގައި ގިނަ ދުވަސްވަންދެން ފުޓްބޯޅަ ކުޅެ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވުމުން އެކަނި ނޫން ކަމަށެވެ. ކެންޓޮނާއަކީ ވަރަށް ހިތްވަރުގަދަ މީހެއް ކަމަށައި ގަބޫލުކުރާ ކަންތައްތަކުގައި ހަރުދަނާކަމާއެކު ހިފަހައްޓާ އަދި ކެންޓޮނާއަކީ ކުރާ މަސައްކަތަށް ހިތާ ނަފްސުން ގުރުބާންވާ މީހެއްކަންވެސް ޔުއެފާގެ ރައީސް ފާހަގަކޮށްފައިވެއެވެ.

ޔުނައިޓެޑަށް ކެންޓޮނާ ބަދަލުވީ އިނގިރޭސި ފަސްޓް ޑިވިޝަން މުބާރާތް ލީޑްސް ޔުނައިޓެޑާއެކު ކާމިޔާބު ކުރުމަށްފަހުއެވެ. ޔުނައިޓެޑުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން ހަތަރު ފަހަރެއްގެ މަތިން ޕްރިމިއާ ލީގް ކާމިޔާބު ކުރުމުގެ އިތުރުން ޔުނައިޓެޑަށް ދެ އެފްއޭ ކަޕް ކާމިޔާބުކޮށް ދިނުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

އުމުރުން 30 އަހަރުގައި ރިޓަޔާވުމަށްފަހު އޭނާގެ ޝައުގުވެރިކަން ދެން ބެހެއްޓީ ބީޗް ސޮކާއަށައި ފިލްމީ ދާއިރާއަށެވެ. އޭގެ އިތުރުން އޭނާ ވަނީ ޗެރިޓީގެ ގޮތުގައި ގިނަ ހަރަކާތްތަކެއްވެސް ހިންގާފައެވެ.

ފްރާންސްގެ ގައުމީ ޓީމަށް 45 މެޗް ކުޅެދީފައިވާ ކެންޓޮނާއަށް މި އެވޯޑް ރަސްމީގޮތުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު މޮނާކޯގައި ބާއްވާ ހަފްލާއެއްގައެވެ.

މި އެވޯޑް ކުރިން ލިބުނު ފަރާތްތަކުގެ ތެރޭގައި ޑޭވިޑް ބެކަމް، ޔޯހަން ކައިރުފް، ބޮބީ ޗާލްޓަން، އަދި ޕައުލޯ މަލްޑީނީ ހިމެނެއެވެ.

Advertisement

ކޮމެންޓް