Advertisement

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެން ތައްޔާރު: އިބްރަހީމޮވިޗް

28 Aug 2019 | 14:09

އިނގިރޭސި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ކުޅެވިދާނެ ކަމަށައި މެންޗެސްޓާ ޔުނައިޓެޑުން އޭނާ ބޭނުންނަމަ އެކަމަށް ތައްޔާރަށް ހުރިކަމަށް ޒްލަޓާން އިބްރަހީމޮވިޗް ބުނެފިއެވެ.

މޭޖަރ ސޮކާ ލީގުގެ އެލްއޭ ގެލެކްސީއަށް މިހާތަނަށް 49 މެޗުގައި 46 ގޯލް ޖަހައިދީފައިވާ ފޯވަޑް ބުނީ އޭނާ އަދިވެސް ޔުނައިޓެޑް ކުޅޭ މެޗުތައް ބަލާ ކަމަށެވެ. އެގޮތުން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް ބަލިވީ ނަސީބުދަށް ކަމުން ކަމަށް އޭނާ ބުންޏެވެ. އެ މެޗުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރެވުނުނަމަ ނަތީޖާ ތަފާތުވީސް ކަމަށައި ނަމަވެސް އިނގިރޭސި ލީގުގައި މެޗެއް ނިމުމުގެ ކުރިން ނަތީޖާ ނުކުންނާނެ ގޮތެއް ބުުނަން ނޭނގޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މިވަގުތު އޭނާއަކީ ގެލެކްސީގެ ކުޅުންތެރިޔެއް ކަމަށައި ޔޫރަޕުގައި ހޭދަކުރި ދުވަސްތައް ވަރަށް ކާމިޔާބުކަމަށް އިޝާރާތް ކުރަމުން އިބްރަހީމޮވިޗް ބުނީ އޭނާގެ ކެރިއަރު ނިންމާލާނީ ކޮންތާކު ކަމެއް އަދި ބުނަން ނޭންގޭ ކަމުގައެވެ.

ޔުނައިޓެޑްގެ ތަރި ޕޯލް ޕޮގްބާއައި އޮތް ގުޅުމާ ބެހޭގޮތުންވެސް ވާހަކަ ދެއްކި އިބްރަހީމޮވިޗް ބުނީ، ދެމީހުންގެ މެދުގަ އަދިވެސް ވަރަށް ރަނގަޅު އަދި ގާތް ގުޅުމެއް އޮންނަ ކަމަށައި ޕޮގްބާއަށް ވަރަށް ގިނަ ކަންތައްތަކުގައި ނަސޭހަތައި އިރުޝާދު ދެމުން އަންނަ ކަމުގައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ވާހަކައެއް މީޑިއާގައި ދައްކަން ބޭނުން ނޫން ކަމަށްވެސް އިބްރަހީމޮވިޗް ބުނެފައިވެއެވެ.

އިބްރަހީމޮވިޗް ޔުނައިޓެޑަށް ކުޅެދިން ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެޓީމަށް 28 ގޯލް ކާމިޔާބު ކޮށްދީފައެވެ. ކަކުލަށް ލިބުނު އަނިޔާއަކައި ގުޅިގެން ޔުނައިޓެޑް އަދި އޭނާއައި ދެމެދު އޮތް އެއްބަސްވުން ދެފަރާތް އެއްބަސްވި ގޮތެއްގެ މަތިން އުވާލާ ދެން އޭނާ ބަދަލުވީ އެމެރިކާގެ އެލްއޭ ގެލެކްސީއަށެވެ.

އިބްރަހީމޮވިޗްގެ މިވާހަކަތަކާ ގުޅިގެން ޔުނައިޓެޑްގެ ސަޕޯޓަރުން ދަނީ އޭނާ އަލުން އެޓީމަށް ގެނައުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ގޮވާލަމުންނެވެ. 

Advertisement

ކޮމެންޓް