ހުޅުމާާލޭ ހޮސްޕިޓަލް ވަކި ބޯޑެއްގެ ދަށުން ހިންގަންޖެހޭ: ނިޔާޒު

29 Aug 2019 | 12:53

ހުޅުމާލެ ހޮސްޕިޓަލްގެ ހިންގުމުގެ ނިޒާމަށް ބަދަލުގެނެސް، ވަކި ބޯޑެއްގެ ދަށުން ހިންގާ ތަނަކަށް އެތަން ބަދަލުކުރަން ޖެހޭކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ސަރުކާރުން ހުށައަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސްގައި ވާހަކަފުުޅު ދައްކަވަމުންނެވެ.

ނިޔާޒު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގެ ނުނިމި ހުރި އިމާރާތުގެ މަސައްކަތްތައް ނިންމުމަށް ބަޖެޓްގައި ފައިސާ ހިމަނާފައިވާތީ އުފާކުރައްވާ ކަމަށެވެ. އެގޮތުން އެ މަސައްކަތަށް 155މިލިޔަން ރުފިޔާ ބަޖެޓްގައި ކަނޑައެޅިފައިވާކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މެންބަރު ނިޔާޒު އިތުރަށް ވިދާޅުވީ ޚިދުމަތެއް ދިނުމަށްޓަކައި އިމާރާތަކީ މުހިންމު ކަމެއްކަމަށާއި ނަމަވެސް ރަނގަޅު މެނޭޖްމަންޓެއްވެސް އޮންނަން ޖެހޭނެކަމަށެވެ. ހުޅުމާލޭގެ ހޮސްޕިޓަލް މިވަގުތު އާސަންދަ ކުންފުނީގެ ދަށުން ހިންގަމުންދާއިރު، އޭގެ ސަބަބުން ދައުލަތަށް ވާނެ އިތުރު ފައިދާއަކާއި މެދު ވިސްނާލަންޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ވަކި މެނޭޖްމަންޓެއްގެ ދަށަށް ހުޅުމާލޭ ހޮސްޕިޓަލް ގެންދިއުމަށް ނިޔާޒް ވަނީ ގޮވާލައްވާފައެވެ.

އެގޮތުން ވަކި ބޯޑެއް އޮވެ އަދި ވަކި ސީއީއޯ އެއް ހުރެގެން ހިންގޭ ތަނަކަށް ހުޅުމާލެ ހޮސްޕިޓަލް ހެދިއްޖެނަމަ އިތުރުކުރެވޭ އިމާރާތާއި އެއްކޮށް ރައްޔިތުންނަށް ފައިދާހުރި ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement