ގައްދޫން ވަަގަށް ބޭރުކުރަން އުޅުނު ގަސްތައް ކައުންސިލް ކުރިމަތީ އިންދައިފި

31 Aug 2019 | 19:20

ގދ.ގައްދޫއިން މަގޫގަސްތަކެއް ބޭރުކުރަން އުޅުނު މައްސަލައަކާއި ގުޅިގެން އެރަށު ރައްޔިތުންތަކެއް ނުކުމެ، ކައުންސިލް އިދާރާގެ ކުރިމަތީގައި މަގޫގަސްތަކެއް އިންދައިފިއެވެ.

ވޮއިސްއަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުނީ ގައްދޫގެ ބަޔަކު ނުކުމެ ކައުންސިލް އިދާރާގެ ކުރިމަތީގައި މަގޫގަސް ޖަހަން ޖެހުނީ އެރަށުން އިއްޔެ 200 އެއްހާ މަގޫގަސް ބޭރުކުރަން އުޅުނު މައްސަލައާއި ގުޅިގެން ކަމަށެވެ.

އެ ގަސްތައް ބޭރުކުރުން އިއްޔެ ފުލުުހުން ލައްވާ ހުއްޓުވާފައިވާއިރު، އެ ގަސްތައް މިއަދު މެންދުރު ވަންދެން ކައުންސިލްގެ ޕިކަޕެއްގެ ތެރޭގައި ގަދަ އަވީގައި ހުރިކަމަށް ރަށުގެ މީހުން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލް ކުރިމަތީގައި ގަސް އިންދަންޖެހުނީ ކައުންސިލުން މި ގަސްތައް ނުއިންދައި މަރުވާން ބެހެއްޓުމުން، ކައުންސިލް ޒިންމާދާރު ކުރުވުމަށްކަމަށް ރަށުން މައުލޫމާތު ދިން ފަރާތުން ބުނެއެވެ.

އެރަށުގެ މީހަކު ބުނި ގޮތުގައި މިއީ މިގޮތަށް އެރަށުން ގަސްތަކެއް ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެވުނު ތިންވަނަ ފަހަރެވެ. މިގޮތަށް ގަސް ބޭރުކުރަމުންދަނީ ރަށު ކައުންސިލްގެވެސް އެއްބާރުލުމާއި އެއްކޮށް ކަމަށް ރަށުގެ މީހުން ތުހުމަތުކުރެއެވެ.

މީގެ ކުރިން ފިތުރޯނު ގަސްތަކެއް އެރަށުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް ކަމަށްވެއެވެ. އެފަހަރު އެ ގަސްތައް ގޮނޑަށް އުކާލިކަމަށް ވެއެވެ.

ރަށުގެ މީހުން ބުނިގޮތުގައި ކައުންސިލް އިދާރާގެ ކުރިމަތީގައި މަގޫގަސް އިންދުމުގެ ބޭނުމަކީ ކައުންސިލް ޒިންމާދާރު ކުރުވުމެވެ. މި ތުހުމަތުތަކާއި ގުޅިގެން ގައްދޫ ކައުންސިލުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ގައްދޫ ކައުންސިލްގެ ރައީސް މިވަގުތު ހުންނެވީ އެމްޑީޕީގެ ޒުވާނުންގެ ބައްދަލުވުމެއްގައި މާލެގައި ކަމަށް އެފަރާތުން ބުނެއެވެ.

Advertisement

ކޮމެންޓް