އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް އިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

18 Sep 2018 | 20:49

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތުގައި ގްރީން ސްޓްރީޓްސް އިން މިމެޗު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި އީގަލްސް 4-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމު ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު ލަނޑު ޖަހާނެ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެހެންނަމަވެސް މިހާފުގައި އަދި ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ގޯލެއް ފެނިގެން ނުދިއުމުގެ ސަބަބުން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ގްރީން އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ނާކާމިޔާބު ވީ އެންމެ ޕެނަލްޓީ އެކެވެ. އެ ޓީމުގެ މުހައްމަދު ޝަފްރާޒް ޖެހި ޕެނަލްޓީ އީގަލްސްގެ ކީޕަރު ޖިނާހް ހާރޫން ސޭވް ކުރީ އެވެ. އީގަލްސް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން، ދެ ޕެނަލްޓީ ނާކާމިޔާބު ވި އެވެ. އެގޮތުން، އެ ޓީމުގެ އަލީ ޝަމާލް އަބްދުﷲ އާއި އިސްހާގު ރަޝީދު ޖެހި ޕެނަލްޓީ އަމާޒުވީ ހުރަސްދަނޑިއަށެވެ.

ކުރިން، 21 އަހަރުން ދަށުގެ ކެޓަގަރީއަށް ހާއްސަކޮށް ބޭއްވި މިމުބާރާތަށް ބަދަލު ގެނެސް މިއަހަރުގެ މުބާރާތް ބާއްވާފައި ވަނީ، 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެންނެވެ.

Advertisement

ކޮމެންޓް