ހަތަރު މެޗުން ޔުނައިޓެޑަށް އެންމެ މޮޅެއް

31 Aug 2019 | 22:56

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތްހެމްޕްޓަންއައި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ސައުތްހެމްޕްޓަންގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް 10 ވަނަ މިނެޓުގައި ކާމިޔާބުކޮށް ކުރި ހޯދީ ޔުނައިޓެޑްއެވެ. މި ގޯލް ޖަހައިދިނީ މި ސީޒަނުގައި އެޓީމާ އަލަށް ގުޅުނު ޑެނިއެލް ޖޭމްސްއެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ޔުނައިޓެޑުގެ ފަރާތުން ފެނުނީ ހަމަޖެހިލައިގެން ކުޅުނު މަންޒަރެވެ. އެއާ ހިލާފަށް ސައުތްހެމްޕްޓަންގެ ފަރާތުން އާދައިގެ ކުޅުމުއެއް ފެނުނުއިރު އެޓީމް ބޮޑަށް އިސްކަންދީގެން ކުޅުނީ ޑިފެންސިވް ގޭމްއަކަށެވެ.

މުޅި މެޗުގައިވެސް ސައުތްހެމްޕްޓަން އަށް މަދު ފުރުސަތުތަކެއް ތަނަވަސް ކުރެވުނުއިރު އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 58 ވަނަ މިނެޓުގައި ވެސްޓެގާޑްއެވެ. ސައުތްހެމްޕްޓަންއަށް މި ގޯލް ކާމިޔާބު ކުރެވުނީ ހުރަސް ކުރި ބޯޅައެއް ޔުނައިޓެޑްގެ ޑިފެންޑަރ ލިންޑެލޯފްއަށް ރަނގަޅަށް ބޯޅަ ސާފުކޮށް ނުލެވުމުންކަން ފާހަގަކޮށްލަން ޖެހެއެވެ.

އިތުރު ގޯލްތަކެއް ޖަހާ މެޗުގެ ނަތީޖާ އަނބުރާލާނެ ރަނގަޅު ފުރުސަތުތަކެއް ޔުނައިޓެޑްގެ ފޯވަޑް ރަޝްފޯޑަށް ލިބުނުއިރު އޭގެން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވެއެވެ. 73 ވަނަ މިނެޓުގައި ސައުތްހެމްޕްޓަންގެ ޑިފެންޑަރ ޑަންސޯއަށް ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ދެއްކި ރަތް ކާޑައި ގުޅިގެން އެޓީމް މެޗުގެ ފަހު ވަގުތު ކޮޅު ކުޅެފައިވަނީ ދިހަ ކުޅުންތެރިންނާ އެކުގައެވެ. ނަމަވެސް ޔުނައިޓެޑަށް އޭގެ ފައިދާވެސް ނެގޭ ގޮތްނުވެ ފުރިހަމަ ވަގުތު ހަމަވީ ނަތީޖާ 1-1 ގައި އޮވެގެންނެވެ.

ޔުނައިޓެޑް މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ޗެލްސީ އަތުން ބޮޑު ތަފާތަކުން މޮޅުވި ފަހުން، އެއް މެޗުން ބަލިވެފައިވާއިރު ދެ މެޗް ވަނީ އެއްވަރު ވެފައެވެ. 

Advertisement

ކޮމެންޓް