Advertisement

އަލަށް ޕްރޮމޯޓްވި އޮސަސޫނާއިން ބާސެލޯނާ ހިފަހައްޓާލައިފި

31 Aug 2019 | 22:47

ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި އޮސަސޫނާއިން ވަރުގަދަ ބާސެލޯނާ ހިފަހައްޓާލައިފިއެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު އޮސަސޫނާ މެޗުގެ ކުރި ހޯދިއިރު ހާފް ޓައިމްއަށް ކުޅުން މެދުކަނޑާލިއިރުވެސް ނަތީޖާ އޮތީ އޮސަސޫނާ ކޮޅަށް ބުރަކޮށެވެ.

މެސީ، ސުއަރޭޒް، އަދި ޑެމްބެލޭއަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާ ގުޅިގެން ބާސެލޯނާގެ ސްކޮޑުގައި އެ ކުޅުންތެރިން ނުހިމަނާ ކުޅުނު މި މެޗުގައި އެޓީމަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ އުމުރުން އެންމެ 16 އަހަރުގެ އަންސޫއެވެ. އެއްގޮތަކަށްވެސް އޮސަސޫނާ އަށް ބޯޅަ ނުދީ ކުޅެން މަސައްކަތް ކުރި ބާސެލޯނާއަށް މެޗުގެ ކުރި ލިބުނީ 64 ވަނަ މިނެޓުގައި އާތާ ކާމިޔާބު ކޮށްދިން ގޯލުންނެވެ.

ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެން މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޮސަސޫނާ ވަނީ މި މެޗުގައި ބާސެލޯނާއަށްވުރެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އޮސަސޫނާއިން 15 ޝޮޓް ހެދިއިރު ބާސެލޯނާއަށް ހެދުނީ 8 ޝޮޓެވެ.

ތިން ޕޮއިންޓަށް ބާސެލޯނާ ކުރަމުންދިޔަ އުންމީދުތަށް ގެއްލުނީ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރު ޕީކޭގެ ހޭންޑް ބޯލްއަކާ ގުޅިގެން އޮސަސޫނާއަށް ލިބުނު ޕެނަލްޓީއިންނެވެ. 81 ވަނަ މިނެޓުގައި އޮސަސޫނާއަށް މި ޕެނަލްޓީ ޖަހައިދިނީ އެޓީމުގެ ފުރަތަމަ ގޯލުވެސް ކާމިޔާބު ކޮށްދިން ރޮބާޓޯ ޓޮރޭސްއެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.

މެސީ ނެތްތަން ބާސެލޯނާއިން ވަރަށް ބޮޑަށް ފެނިގެންދާއިރު މިއީ 2008 ގެ ފަހުން މިހާ ދަށް ނަތީޖާތަކަކާއެކު އެޓީމް ލީގް ފެށައިގައިން ފުރަތަމަ ފަހަރެވެ.

ދެވަނަ ޑިވިޝަނުގެ ޗެންޕިއަންކަން ހޯދައިގެން ސްޕެނިޝް ލީގަށް ޕްރޮމޯޓްވި އޮސަސޫނާ މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެޓީމް އޮތީ ހަތަރު ވަނައިގައެވެ. 

Advertisement

ކޮމެންޓް