ނަޕޯލީ އަތުން ޔުވެންޓަސް ސަލާމަތްވީ ކިރިޔާ

01 Sep 2019 | 08:56

ސެރީއާގައި ރޭ ޔުވެންޓަސް އަދި ނަޕޯލީ ވާދަކުރި މެޗް 4-3 ގެ ހަނި ނަތީޖާއަކުން ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް ވަނީ ދެ ގޯލް ޖަހާފައެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޑެނީލޯ އަދި ހިގުއައިންގެ ގޯލުތަކުން ޔުވެންޓަސް ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު ދެވަނަ ހާފުގައި އެޓީމުގެ ލީޑް ތިން ގޯލަށް ފުޅާ ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ފަސޭހަކަމާއެކު ޔުވެންޓަސް މި މެޗް ކާމިޔާބު ކޮށްފިކަމަށް ގަބޫލުކުރެވުނުއިރު މެޗުގެ ބާކީ އޮތް ބައިގަ އިތުރު ގޯލެއް ފެންނަންޏާ ފެންނާނީ ޔުވެންޓަސްގެ ފަރާތުން ކަމަށް ހީކުރެވުނު އިރު ނަޕޯލީ ވަނީ އެންމެން ހައިރާން ކޮށްލުމަށްފަހު ކައިރި ކައިރީގައި ތިން ގޯލް ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ.

66 ވަނަ މިނެޓުގައި މަނާލޮސް ނަޕޯލީގެ ފުރަތަމަ ގޯލް ޖަހައިދިންއިރު އެޓީމަށް އިތުރު ހިތްވަރެއް ގެނުވީ 68 ވަނަ މިނެޓުގައި ލޮޒާނޯ ޖެހި ގޯލުންނެވެ. ޔުވެންޓަސްގެ ޑިފެންސްއަށް ބާރު ބޮޑު ކުރަމުން ގޮސް ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ 81 ވަނަ މިނެޓުގައި ލޮރެންޒޯއެވެ.

ނަޕޯލީގެ ތިންވަނަ ގޯލަށްފަހު ދެޓީމުގެ ފަރާތުން ގިނަ ފައުލުތަކެއް ފެނިގެންދިޔައިރު ޔުވެންޓަސް ދިޔައީ ހަތަރުވަނަ ގޯލެއް ކާމިޔާބު ކުރެވޭތޯ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. އެއާ ހިލާފަށް ނަޕޯލީ ފެނުނީ ޑިފެންސިވް ކުޅުމެއް ކުޅުނު މަންޒަރެވެ.

ޔުވެންޓަސްއަށް މެޗް ކާމިޔާބު ކުރެވުނު ގޯލަކީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ނަޕޯލީ އޭރިއާ ތެރެއަށް ފޮނުވާލުމުން ބޯޅަ ސާފު ކޮށްލުމަށް ވަރުގަދަ ޑިފެންޑަރ ކުލިބާލީ ހޫރާލި ފައިން ބައިކޮޅަށް ވައިން ގޯލެކެވެ.

ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކީ ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. ފަހުގެ ތާރީހުގައި ޔުވެންޓަސްއައި ވާދަކޮށްލެވޭ ފެންވަރުގެ ހަމައެކަނި ޓީމުގެ ގޮތުގައި މަޝްހޫރު ނަޕޯލީ އޮތީ ހަމަ އެ އަދަދަށް ކުޅެގެން ލިބުނު ތިން ޕޮއިންޓާއެކު އަށް ވަނައިގައެވެ. 

Advertisement

ކޮމެންޓް