Advertisement

"ސިނާމާލެ" ބްރިޖްގެ މާލެއިން ވަންނަފަޅި ބަންދު ކޮށްލަނީ

23 Oct 2018 | 19:09

30 އޮގަސްޓްގައި މާލެ-ހުޅުލެ-ހުޅުމާލެ ގުޅާލަދިން ސިނާމާލެ ބްރިޖް އާންމުންނަށް ހުޅުވާލި ނަމަވެސް ބްރިޖު ހެދުމަށްޓަކައި މޫދު ތެރޭގައި ހެދި ޕްލެޓްފޯމުގެ ބާކީ ހުރި ދަގަނޑު ހޮޅިތައް ނެގުމަށްޓަކައި ބްރިޖުގެ ވާތު ފަޅި ބަންދު ކުރަންޖެހޭ ކަމަށް، ބްރިޖުގެ މަސައްކަތް ކުރި އަދި މައިންޓެނެންސް މަސައްކަތުގައި އުޅޭ ޗައިނާގެ ކުންފުނިކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ބުނެފިއެވެ.

ސީސީސީސީގެ ސްޕޯކްސްޕާސަން ވަންގް ޝާއޯ ދެއްވި ޕްރެސް ބްރީފިންއެއްގައި ވިދާޅުވީ، ވަގުތީ ޕްލެޓްފޯމްގެ ބޮޑު ބައެއް މިހާރު ނަގާފައިވާ ކަމަށެވެ.

ނަމަވެސް ބްރިޖްގެ މައި ފަސް ވަނަ ތަނބާއި ނުވަ ވަނަ ތަނބާއި ދެމެދުގައި ހުރި ދަނގަޑު ޕައިލްތަކެއް ނެގުމަށް މާލެއިން ބްރިޖަށް ވަންނަ ފަޅި ބަންދުކޮށްދިނުމަށް މިހާރު ސަރުކާރުގައި އެދިފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް ޖުމްލަ 60 ދަނގަޑު ހޮޅި ޕައިލް އެބަހުރި، މައި ބްރިޖްގެ ފަސް ވަނަ ތަނބާއި ނުވަ ވަނަ ތަނބާއި ދެމެދުގަ، ނަގަންޖެހޭ. އެ ޕައިލްތައް ނެގުމަށް ބްރިޖްގެ ވާތު ފަޅީގެ ލޭނުތައް ބޭނުންކުރަންޖެހޭ. ލޭން ބަންދުކުރުމުގެ ހުއްދަ އަށް އެދިގެން މިތިބީ އިންތިޒާރުގައި،" ޝާއޯ ވިދާޅުވި އެވެ.

ބުރިޖް ބަންދު ކުރަނީ އަދި ކިތައްދުވަހައް ކަމެއް ބުނަންކަން ނޭގޭކަމަށާއި މިކަމަށް ދުވަސް ނަގާނެކަމަށް ޝާއޯ ވިދާޅުވިއެެވެ.

މި ޕްލެޓްފޯމް ނެގޭނީ ފްލޯޓިން ކެރޭންތަކާއި ބާޖު ބޭނުންކޮށްގެން ކަމަށްވާތީ ޕައިލްތައް ނެގުމުގެ ކުރިން ކަނޑުގެ އޮއި ހުންނަ ގޮތާއި، އެނޫންވެސް މޫދުގެ ހާލަތާ ގުޅޭގޮތުން ގިނަ ގޮތްގޮތަށް ވިސްނަންޖެހޭ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ އެވެ.

އަދި ނުނެގި ހުރި ހޮޅިތަކަކީ ދިގުމިނުގައި 50 މީޓަރު، އަދި ބަރުމިނުގައި 200 ޓަނު ހުންނަ އިރު، ފުޅާ މިނުގައި 3.6 މީޓަރު ހުންނަ ހޮޅި ތަކަކަށް ވާތީ އެތަކެތި ނެގުމަކީ ވަގުތު ނަގާ އުނދަގޫ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސީސީސީސީ އިން މިކަން ހާމަކޮއްފައި މިވަނީ ބްރިޖްގެ މެއިންޓެނެންސް މަސައްކަތްތައް 2020 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ބަލަހައްޓާނީ އެކުންފުނިން ކަމަށް ވާތީއެވެ. ނަމަވެސްް ހައުސިން މިނިސްޓްރީން މިކަމާ ބެހޭގޮތުން މިހާތަނަށް އަދި އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.


ފޮޓޯ ކްރެޑިޓްސް: ބިއުޓިފުލް މޯލްޑިވްސް ފޭސްބުކް ޕޭޖް

Advertisement

ކޮމެންޓް