ފަހަތުން އަރާ އާސެނަލް ޕޮއިންޓެއް ކަށަވަރުކޮށްފި

02 Sep 2019 | 07:55

އިނގިރޭސި ޕްރިމިއާ ލީގުގެ ނޯތް ލަންޑަން ޑާބީގައި އާސެނަލް އަދި ޓޮޓެންހަމް ބައްދަލުކުރި މެޗް 2-2 ކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޓޮޓެންހަމް ވަނީ ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށް މެޗުގެ ކޮންޓްރޯލް ނަގާފައެވެ.

10 ވަނަ މިނެޓުގައި އެރިކްސަން އަދި 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ޖަހައިދިން ގޯލުތަކުން ޓޮޓެންހަމް ހަމަޖެހިލިއިރު އާސެނަލްއަށް ކިރިޔާވެސް އުންމީދެއް ލިބުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަކަޒެޓް ޖެހި ގޯލުންނެވެ.

ފުރަތަމަ ހާފުގައި އާސެނަލްއަށް އެދެވޭ ކުޅުމެއް ނުދެއްކުނު ކަމުގައިވިއަސް އެޓީމް ވަނީ ދެވަނަ ހާފުގައި އެކަން ބަދަލުކޮށް ބޯޅަ ޑޮމިނޭޓްކޮށް ފުލުފުލުގައި ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އޭގެ ނަތީޖާއަކަށްވީ ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ގެންޑޯޒީ ނަގައިދިން ރީތި ހުރަހަކުން އޮބާމެޔާންގް މެޗުގެ ނަތީޖާ އެއްވަރު ކުރުމެވެ.

ނަތީޖާ ހަމަހަމަވުމާއެކު އާސެނަލް އަދި ޓޮޓެންހަމްގެ ފަރާތުން ފެނުނީ ބޯޅަ ލިބުނު ކޮންމެ ފުރުސަތެއްގައި އަވަސް އަވަހަށް ހަމަލާއެއް އުފައްދަން މަސައްކަތް ކުރި މަންޒަރެވެ. އެގޮތުން ހެރީ ކޭން ފޮނުވާލި ޝޮޓެއް ގޯލު ދަނޑިއަށް އަމާޒުވިއިރު އާސެނަލް ވަނީ ބޯޅަ ގޯލުތެރެއަށް ވައްދާލާފައެވެ. ނަމަވެސް ވީއޭއާރް ވަނީ އެއީ ގޯލެއް ނޫން ކަމުގައި ނިންމާފައެވެ.

މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް އެމެރީ ބުނީ މިއީ ވަރަށް ފޯރި ގަދަވި މެޗެއް ކަމަށައި އޭނާގެ ކުޅުންތެރިން އަދި ސަޕޯޓަރުން ދެއްކި ހިތްވަރާމެދު ފަހުރުވެރިވާ ކަމުގައެވެ. ކާމިޔާބު ކުރެވުނު ފުރަތަމަ ގޯލުން ޓީމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށްވެސް އޭނާ ބުންޏެވެ. ޓޮޓެންހަމްގައި ތިބީ މޮޅެތި ކުޅުންތެރިން ކަމަށައި ފުރަތަމަ ހާފުގައި އާސެނަލްއަށް ހެދުނު ގޯސްތަކުގެ ފައިދާ އިދިކޮޅު ޓީމުން ވަރަށް ރަނގަޅަށް ހިފިކަމަށްވެސް އެނާ ފާހަގަކުރިއެވެ.

ޓޮޓެންހަމްގެ ކޯޗް ޕޮޗެޓީނޯ ބުނީ ނަތީޖާއައި ދޭތެރޭ ހިތްހަމައެއް ނުޖެހޭ ކަމަށައި މެޗުން ފުރިހަމަ ތިން ޕޮއިންޓް ހޯދުނީސް ކަމުގައެވެ. އާސެނަލްގެ ފުރަތަމަ ގޯލާއެކު ޓޮޓެންހަމްއަށް ވަރަށް އަސަރުކުރި ކަމަށްވެސް ޕޮޗެޓީނޯ ބުނެފައިވެއެވެ.

މި ނަތީޖާއާއެކު އާސެނަލް ތާވަލުގެ ފަސް ވަނައިގަ އޮތީ ހަތް ޕޮއިންޓް ލިބިގެންނެވެ. އެއަދަދަށް ކުޅެގެން ޓޮޓެންހަމް އޮތީ ފަސް ޕޮއިންޓާއެކު ނުވަ ވަނައިގައެވެ. 

Advertisement

ކޮމެންޓް

Advertisement