ލަންކާއާއި ރާއްޖެއިން ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

02 Sep 2019 | 13:17

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ހަތަރު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަކަށް ފަހުގައެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފާހަަގަކޮށްލެވެނީ ދެގައުމުގެ މެދުގައި ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމުގެ އެއްބަސްވުމެވެ. މި އެއްބަސްވުުމުގެ ދަށުން ކޮންމެ ގައުމެއްގެ ރައްޔިތުންނަށްވެސް އަނެއް ގައުމުގައި 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެއެވެ. މި އެއްބަސްވުމުގައި ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހޯމް އެފެއާޒް މިނިސްޓަރ ވަޖީރާ އަބޭވަރްދަނަ އެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން އެފެއާޒް މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

މީގެ އިތުުރުން އިޖްތިމާއީ ރައްކާތެރިކަން ނުވަތަ ސޯޝަލް ޕްރޮޓެކްޝަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައިވެސް ދެގައުމުން ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޝާހިދެވެ. ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޕްރައިމަރީ އިންޑަސްޓްރީސް އެންޑް ސޯޝަލް އެމްޕަވަރމެންޓް ދަޔާ ގަމަގޭ އެވެ.

މަތީ ތައުލީމުގެ ދާއިރާ އިން ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. ސްރީލަންކާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސިޓީ ޕްލޭނިންގ، ވޯޓާ ސަޕްލައި އެންޑް ހަޔާ އެޑިއުކޭޝަން ރައޫފް ހަކީމެެވެ.

ޒުވާނުން ބިނާކުރުމުގެ ދާއިރާ އާއި ވޮކޭޝަނަލް ދާއިރާ އިން ރާއްޖެ އާއި ލަންކާ އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ. ލަަންކާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ލަންކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖާ ޖެނެރަލް އޭބީ ތޮރެޑެނިއާއެވެ.

Advertisement

ކޮމެންޓް