ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މިމަހު 29 ގައި

23 Oct 2018 | 06:01

ނުކުޅެދުންތެރި ކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް ދިރާގުގެ ފަރާތުން މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން ދިރާގުން މިއަދު އިއުލާނުކޮށްފިއެވެ.

މި ފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިރާގުން ބާއްވަމުން އަންނަ ފެސްޓިވަލެކެވެ. މިއަހަރުގެ މި ފެސްޓިވަލަކީ މިގޮތުން ބޭއްވޭ އަށްވަނަ ފެސްޓިވަލެވެ.

މިއަހަރުގެ ފެސްޓިވަލުގައި 390 ކުދިން ބައިވެރިވާނެ ކަމަށާއި މި ފެސްޓިވަލުގެ އަމާޒަކީ ދިވެހި މުޖުތަމައުގަ އުޅޭ އެއްވެސް ކުއްޖެއް އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދަ ދިނުންކަމަށް ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

މިފަދަ ފެސްޓިވަލެއް ބޭއްވުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވާނެ ކަމަށާއި އެހެން ކުދިންނެކޭ އެއްފަދައިން ކުޅިވަރުތަކުގައި ބައިވެރިވެވޭނެކަން އިހުސާސްކުރެވި އިނގިގެންދާނެކަމަށްވެސް ދިރާގުންވަނީ ބުނެފައިވެއެވެ.

އެންޖީއޯ އަދި ސްކޫލްތަކަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ކުޅިވަރު ފެސްޓިވަލުގައި މިއަހަރު ހަތަރު އެންޖޯއޯއަކާއި އެގާރަ ސްކޫލަކުން ބައިވެރިވާނެއެވެ.

މި ފެސްޓިވަލުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި އޮބްސްޓެކަލް ރިލޭ، ބޯލް ރޯލިން، ޓަނަލް ރޭސް އަދި ރިލޭ ބެޓަން ހިމެނެއެވެ. މީގެ އިތުރުން ކޮމްޕެޓިޓިވް ދުވުންވެސް ކުރިއަށް ގެންދާނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ދިރާގު ސްޕެޝަލް ސްޕޯޓްސް ޕެސްޓިވަލް 2018 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެންވޭރު ދަނޑުގައެވެ.

Advertisement

ކޮމެންޓް