ރިޟްވާން ކަރުބުރިކޮށްލުމަށްފަހު ކަނޑު ފެއްތީ: ހެކިވެރިއެއް

03 Sep 2019 | 11:03

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ދޯންޏަކަށް އެރުވުމަށްފަހު ކަރުބުރިކޮށްލިކަމަށް، ގެއްލިފައިވާ އަދި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރިޕޯޓުގެ ޚުލާސާގައި ބުނެފިއެވެ.

މި ރިޕޯޓުގެ ޚުލާސާއެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

މި ޚުލާސާގައިވާ ގޮތުގައި ރިޟްވާން ކިޑްނެޕްކޮށްގެން ގެންގޮސްފައިވަނީ އއ.އުކުޅަހަށް ނިސްބަތްވާ ދޯންޏަކަށެވެ. މި ދޯންޏަކީ ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ބަޓު ނެގުމަށް ބޭނުންކުރި ދޯންޏެއްކަމަށްވެއެވެ.

މި ދޯންޏަށް އެރުވުމަށްފަހު ރިޟްވާންގެ ބޯ ބުރިކޮށްލުމަށްފަހު، އެ މީހުން ރިލްވާންގެ ހަށިގަނޑު ކަނޑު ފެއްތިކަމަށް ސިއްރު ހެއްކަކާއި ހަވާލާދީ ބުނެފައިވެއެވެ. ރިޟްވާން ދޯންޏަށް އެރުވީ، ރަތް ކާރުގައި ކިޑްނެޕްކޮށްގެން އަތިރިމައްޗަށް ގެނެސް ޑިންގީއަކަށް އަރުވައިގެން އެ ދޯނިކައިރިއަށް ގެނެސް ގެންކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އިންޓެލް އިން އަޙްމަދު ރިޟްވާން ޢަބްދުالله ގެ ފޯނު ކޯލުތައް 24 އެޕްރީލް 2014 އިން ފެށިގެ އިންޓަރސެޕްޓްކޮށް އަޑުއަހަމުން ގެންދިޔައެވެ.

އަޙްމަދު ރިލްވާން ޢަބްދުالله އަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލް އިން ފާރަލުން ހުއްޓާލީ 21 ޖުލައި 2014 ގައެވެ.

ފުުލުހުން ރިޟްވާންގެ ފޯން ކޯލުތަކަށް އަހަމުންދިޔައީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތަކެއް ހިންގަން އުޅޭކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އެ އަމުރު ހޯދުމަށް ފުލުހުން ދިން މައުލޫމާތަކީ ތެދުކަމެއް އެނގިފައިނުވާކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް