މެނެޗެސްޓާ ޔުނައިޓެޑުގައި އަހަރެން މިހުރީ ވަރަށް އުފަލުން: މޮރީނިއޯ

23 Oct 2018 | 11:08

މެނެޗެސްޓާ ޔުނައިޓެޑުގައި ހުރީ ވަރަށް އުފަލުން ކަމަށާއި ބޭނުންވަނީ ކޮންޓްރެކްޓް ހަމަވަންދެން ޔުނައިޓެޑުގައި މަޑުކުރުމަށް ކަމަށް އެޓީމުގެ ކޯޗު މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނެފައިވަނީ ޔުނައިޓެޑް އަދި ޔުވެންޓަސް ޗެންޕިއަންސް ލީގުގައި ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ހަބަރުތަކަށް ޖަވާބު ދެމުންނެވެ.

ކުރިއަށް އޮތް މެޗާއި ބެހޭގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ޔުވެންޓަސްގެ ރޮނާލްޑޯއަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށާއި އެކަމާއި ދެބަސްވެވެން ނޯންނާނެ ކަމަށެވެ.

ނަމަވެސް ޔުނައިޓެޑުގެ މެދުތެރެއަށް ކުޅޭ ޕޮގްބާއާއި ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް މޮރީނިއޯ ދިނީ ބީރު ކަންފަތެކެވެ. އެކަމާއި ހިންހަމަނުޖެހުން ފާޅުކުރަމުން މޮރީނިއޯ ބުނެފައިވަނީ ޕޮގްބާ އަދި އެހެން ކުޅުންތެރިޔަކާއި ބެހޭ ގޮތުންވެސް އޭނާ ވާހަކަ ދައްކަން ބޭނުން ނުވާކަމަށެވެ.

ޕްރެސް ނިންމާލަމުން ޗެންޕިއަންސް ލީގުގައި ޔުނައިޓެޑް ވާދަކުރަން ޖެހޭ ޔުވެންޓަސް އަކީ އަބަދުވެސް ޔޫރަޕުގަ އޮންނަ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެޓީމުގައި މެޗުގެ ނަތީޖާއަށް ބަދަލު ގެނެވޭވަރުގެ ވަރަށް ހައްސަ ކުޅުންތެރިޔަކު މިހާރު އެބަހުރިކަމަށް ރޮނާލްޑޯއަށް އިޝާރަތް ކުރަމުން މޮރީނިއޯ ބުންޏެވެ. 

Advertisement

ކޮމެންޓް

Advertisement