މިކައްޕީގެ މާލިމީކަމުގެދަށުގައި ރައްޔިތުން އޮޔަކާ ނުދާނެ: ރައީސް

18 Sep 2018 | 23:59

މިކައްޕީގެ މާލިމީކަމުގައި ރައްޔިތުން އޮޔާ ގޮސް މަންޒިލު ގެއްލިގެން ނުދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމް އިން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވަމުންގެންދަވާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުއް ރައްޔިތުންނާއި ގައުމުގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަދި މިއައްވުރެ ބޮޑެތި ތަރައްގީ މިގައުމަށް ގެނެސް ދެއްވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މިއަދާއި ހަމައަށް ރައްޔިތުންނާއި ގައުމަމަށްޓަކައި އެމަނުކުފާނު ކޮށްދެއްވާފައިވާ ކަންކަމުގެ އަގު ވަޒަންކޮށް، އެމަނިކުފާނަށް އަދި އެއް ދައުރު ދޭންޖެހޭކަމަށެވެ.

އެމަނިކުފާނު ދިވެހި ގައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން މިގައުމުގައި އެއްވެސް އަމާންކަމެއް ނެތްކަމަށާއި، ގައުމުގައި އޮތީ ނާމާންކަންކަން ފާހަކަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ގައުމު އެހާލަތަށް އަނބުރާ ގެންދިޔުމަށް އިދިކޮޅު ފަރާތްތަކަށް ޖާގަ ދީގެން ނުވާނެކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، ކެނޑިޑޭޓު ނަންބަރު 2 އަކީ ގޯސް ނަންބަރެއްކަމަށާއި، އެ ނަންބަރަށް ވޯޓު ދީގެން ނުވާނެކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ބޭރުގެ ފަރާތްތަކުގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ގެންގޮސް ގައުމުގެ ހަމަޖެހުމާއި މިނިވަންކަން ނަގާލުންކަމަށާއި، އެހެންކަމުން ރައްޔިތުން މިކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

ބޭރުގެ ފަރާތްތަކަށް މިގައުމުގެ މިނިވަންކަމުގެ ތެރެއަށް ވަނުމަށް ކުޑަވެސް ޖާގައެއް ނުދެއްވާނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި، މާތްވެގެންވާ އިސްލާމް ދީން އަބަދުވެސް ހިމާޔަތް ކުރައްވާނެކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ހަވާލުވެގެން ހުންނެވި އޮޑި އަބަދުވެސް ދާނީ ކުރިއަށްކަމަށާއި، އެމަނިކުފާނަކީ އޮޑިން ފުންމާލައިގެން ފިލަންދާނެފަދަ ކައްޕިއެއް ނޫންކަމަށެވެ.

Advertisement

ކޮމެންޓް