ހިޔާ މަޝްރޫއުގެ ކޮންމެ ޔުނިޓެއްގެ ބޮޑުމިން 720 އަކަ ފޫޓަށް އަރާ: ސަފީރު

07 Sep 2019 | 21:37

ޗައިނާގެ ލޯނު އެހީގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ކޮންމެ ހައުސިންގ ޔުނިޓެއްގެ ބޮޑުމިން 720 އަކަފޫޓަށް އަރާކަމަށް، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒާންގް ލިޒްހޮންގ ހާމަކުރައްވައިފިއެވެ.

އެބޭފުޅާ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރާއި ވާހަކަދައްކައިގެން މަޝްރޫއުގެ މުހިންމު މައުލޫމާތުތަކެއް ލިބިވަޑައިގެންނެވިކަމަށެވެ.

ސަފީރު ވިދާޅުވީ ކޮންމެ ޔުނިޓެއް ބިނާކުރުމުގެ އަގަށް 62000 ޑޮލަރު އަރާއިރު، އޭގެ ތެރޭގައި ކޮމަން އޭރިޔާ އަދި ޕާކިންގް ޖާގަ ހިމެނޭކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގެ ބޮޑުމިނުގައި 720.16އަކަފޫޓު ހިމެނޭއިރު، ކޮންމެ އަކަފޫޓަކަށް ފިނިޝިންގ މަސައްކަތްތައް ލައިގެން ޖެހޭނީ 1450 ރުފިޔާ ކަމަށް ފާހަގަކުރެއްވިއެވެ.

ޒާންގ އިތުރަށް ވިދާޅުވީ ކޮންމެ ޔުނިޓެއްގެ އަގުގައި ޖިއޯޓެކް ތަހުލީލާއި، ޑިޒައިނާއި ކޮންސަލްޓަންސީ ޗާޖުތައް ހިމެނޭނެކަމަށެވެ. އަދި މި މަޝްރޫއު ހިންގުމަށް ޗައިނާގެ ބޭންކަކުން ލޯނެއް ނަގާފައިވާ ކަމަށާއި، ކޮންމެ ޔުނިޓެއްގެ އަގުގައި މާލީ ޚަރަދުތަކާއި އިންޝުއަރެންސް ފަދަަ ކަންކަން ހިމެނޭނެކަން ސަފީރު ހާމަކުރެއްވިއެވެ.

އަދި މި ތަނުގައި ބެކަޕް ޖެނެރޭޓަރ ހުންނާނެކަންވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ވަނީ މި ފްލެޓްތަކުގެ ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 540 އަކަފޫޓު ކަމަށްބުނެ، އެއީ ކޮތަރުކޮށިތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement