Advertisement

ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލު ރީ-ބްރޭންޑްކޮށް ސިންގަޕޫރު މޮޑެލްގެ ސްކޫލަކަށް ހަދަނީ

23 Oct 2018 | 18:43

ހުޅުމާލޭ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ ނަން "ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް"ގެ ނަމަށް ރީ-ބްރޭންޑްކޮށް، ސިންގަޕޫރު މޮޑެލްގެ ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. 

2019 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު، އެ ސްކޫލުގައި ކިޔަވައިދޭން ފަށާނެކަމަށާއި ރީ-ބްރޭންޑް ކުރުމަށްޓަކާ ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން މިހާރު ނިމިފައިވާކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ.

ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް ހިންގާ ކޮލިޓެޓް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ރަޝީދު ވިދާޅުވީ، އެ ސްކޫލް ރީ-ބްރޭންޑްކޮށް ސިންގަރޕޫރު މޮޑެލްގެ ސްކޫލަކަށް ބަދަލުކުރުމަށް ނިންމީ، ފާއިތުވި އަހަރުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދީ، ބެލެނިވެރިންގެ ޑިމާންޑުތަކަށް ކޭޓަރކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ.

މި ބަދަލާއެކު މައިގަނޑުގޮތެއްގައި މުޅި ސްކޫލުގެ ޕްރީސްކޫލްގައި ކިޔަވައިދެމުންދާ އިނގިރޭސިވިލާތުގެ ގައުމީ ކަރިކިއުލަމްގެ ބަދަލުގައި، ސިންގަޕޫރުގެ ނެޝެނަލް ކަރިކިއުލަމަށް ކިޔަވައިދޭން ފަށާނެކަމަށް މުސާ ރަޝީދު ވިދާޅުވިއެވެ. 

ގްރޭޑް 1 އިން ފެށިގެން 10 އަކަށް އޮންނަ ކަރިކިއުލަމް ބިނާވެގެންދާނީ ހަމަ އިނގިރޭސިވިލާތުގެ ގައުމީ ކަރިކިއުލަމް އާއި އެއްގޮތަށްކަމަށާއި، ނަމަވެސް ގެންގުޅޭނީ މާޝަލް އެންޑް ކެވެންޑިޝް ފޮތްތައްކަމަށެވެ.

"މި ބަދަލާއެކު މައިގަނޑުގޮތެއްގައި މުޅި ސްކޫލުގެ ޕްރީސްކޫލް ކަރިކިއުލަމް ބަދަލުވެގެންދާނެ ސިންގަޕޫރުގެ ނެޝެނަލް ކަރިކިއުލަމަށް. އެހެންނަމަވެސް ގްރޭޑް 1 އިން ފެށިގެން 10 އަކަށް މި އޮންނަ ކަރިކިއުލަމް ބިނާވެގެންދާނީ ހަމަ ޔޫކޭ އެއްގޮތަށް. ނަމަވެސް އަޅުގަނޑުމެން ގެންގުޅޭ ފޮތްތައް ބަދަލުވެގެންދާނެ މާޝަލް އެންޑް ކެވެންޑިޝް. މި ފޮތްތައް ގެންނަ ސަބަބަކީ އެބޭފުޅުންނަކީ ސިންގަޕޫރުގެ އެޕްރޯޗަށް ޔޫކޭ ނެޝެނަލް ކަރިކިއުލަމަށް ފޮތްތައް ލިޔުއްވާ ބޭފުޅުން. އެހެންވީމަ ހުރިހާ ފޮތްތަކެއްވެސް ސީދާ އަންނާނީ ސިންގަރޕޫރުން. އެބޭފުޅުން މިކޮޅަށް ވަޑައިގެން ޓީޗަރުންނަށް ބޭނުންވާ ތަމްރީންތައްވެސް ދެއްވާނީ" މޫސާ ރަޝީދު ވިދާޅުވިއެވެ.

މޫސާ ރަޝީދު އިތުރަށް ވިދާޅުވީ މި ބަދަލާއެކު މުޅި ސްކޫލުގެ ކިޔެވުން ދެން ބައްޓަންވެގެންދާނީ ޢިލްމު އުންގަންނައިދިނުމުގެ އިތުރަށް، ދަރިވަރުންގެ ހުނަރާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ފަދަ ނިޒާމަކަށްކަމަށެވެ.

މިގޮތުން ރޮބޮޓިކްސް ލެބެއް ގާއިމުވެގެންދާނެކަމަށާއި، ކުދިންނަށް ލެގޯ ކިޔެވުމުގެ ފުރުސަތާއި ވެޑޯ ކިޔެވުމުގެ ފުރުސަތު ވެސް ލިބިގެންދާނެކަމަށާއި މީގެ އިތުރުން މާޝަލް އަރޓްސްވެސް ތައާރަފް ކުރެވިގެން ދާނެކަމަށް އޭނާ ބުންޏެވެ.

އަދި ސިންގަޕޫރުގައި ބާއްވާ ތަފާތު އެކިކަހަލަ އިލްމީ މުބާރާތްތަކާއި ކުޅިވަރު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުވެސް މިކުދިންނަށް ލިބިގެންދާނެކަމަށްވެސް މޫސާ ރަޝީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ސްކޫލުގައި ފުރަތަމަ ފަހަރަށް ރޮބޮޓިކްސް ލެބެއް ޤާއިމުވެގެންދާނެ. މީގެ ތެރޭގައި އަޅުގަނޑުމެންގެ ކުދިންނަށް ލެގޯ ކިޔެވުމުގެ ފުރުޞަތު، ވެޑޯ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ. އަދި ސިންގަޕޫރުގައި ބާއްވާ ތަފާތު އެކިކަހަލަ ޢިލްމީ މުބާރާތްތަކާއި ކުޅިވަރު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުވެސް މިކުދިންނަށް ލިބިގެންދާނެ. ހަމައެހެންމެ މި ސްކޫލަށް އަޅުގަނޑުމެން އެބަ ތަޢާރަފުކުރަން މާޝަލް އަރޓްސްވެސް." މޫސާ ރަޝީދު ވިދާޅުވިއެވެ.

ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުން މައުލޫމާތު ދޭގޮތުގައި ސިންގަޕޫރުގެ ނެޝެނަލް މަންހަޖަށް ކިޔަވައިދިން ނަމަވެސް ދިވެހި ގައުމީ މުގައްރަރުގައި ހިމެނޭ އިސްލާމާއި ދިވެއްސާއި ގުރުއާން އަދި އަރަބި ބަސްވެސް އެ ސްކޫލުގައި ކިޔަވައިދޭނެއެވެ. 

Advertisement

ކޮމެންޓް

Advertisement