ގދ. ތިނަދޫގައި އިސްލާމިކް ޔުނިވަރސިޓީގެ ލާނިންގ ސެންޓަރެއް ގާއިމުކުރަނީ

23 Oct 2018 | 18:24

ދިވެހިރާއްޖޭގެ އިސްލާމީކް ޔުނިވަރސިޓީގެ ލާނިންގ ސެންޓަރެއް ގދ. ތިނަދޫ އިސްލާމީ މަރުކަޒުގައި ގާއިމުކޮށް، އަންނަ ޖެނަވަރީމަހު އެތަނުގައި ކިޔަވައިދޭން ފަށާނެކަމަށް އެ ޔުނިވަރސިޓީން ހާމަކޮށްފިއެވެ. 

ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޒާ އައިޝަތު ހަލީލާ އަބްދުލްސައްތާރު މައުލޫމާތު ދެއްވި ގޮތުގައި ޖެނުވަރީ ސެމިސްޓަރ ފެށޭއިރުގައި އައި.ޔޫ.އެމްގެ ކޯސްތައް ތިނަދޫގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. 

އަދި މިކޯސްތައް ފެށުމުން ތިނަދޫއާއި ތިނަދޫ ކައިރި ރަށްރަށުގެ ކުދިންނަށް މާލެ ނައިސް، އެތަނުން އަޅުގަނޑުމެންގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. 

"ގދ. ތިނަދޫގައި ސަރުކާރުން ހުޅުއްވި އިސްލާމީ މަރުކަޒުގެ 8 ކްލާސްރޫމަކީ އިސްލާމީ ޔުނިވަރސިޓީން ހިންގާ ޕްރޮގްރާމްތައް ހިންގުމަށްޓަކާ ސަރުކާރުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ކްލާސްރޫމްތަކެއް. އެހެންވީމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިފެށޭ ދިރާސީ އައު އަހަރުގެ ޖެނުއަރީ ސެމިސްޓަރ ފެށޭއިރުގައި އައި.ޔޫ.އެމްގެ ކޯސްތައް ތިނަދޫގައި ފެށުމަށް މަސައްކަތް ކުރަމުން މިދަނީ. އޭރުން ތިނަދޫއާއި ތިނަދޫ ކައިރި ރަށްރަށުގެ ކުދިންނަށް މާލެ ނައިސް، އެތަނުން އަޅުގަނޑުމެންގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ." އަލްއުސްތާޒާ އައިޝަތު ހަލީލާ ބުންޏެވެ.

މީގެއިތުރުން ތިނަދޫގައި އިސްލާމީ ޔުނިވަރސިޓީގެ ކޯސްތަކަށް ޑިމާންޑް އޮތްކަން ފާހަގަކުރެވިފައިވާކަމަށާއި ޔުނިވަރސިޓީން ހިންގާ ތަފާތު ކޯސްތަކާއި ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިފެށޭ މަހުތެރޭ ތިނަދޫގައި އޯޕަންޑޭއެއް ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށް އަލްއުސްތާޒާ އައިޝަތު ހަލީލާ އަބްދުލްސައްތާރު ވިދާޅުވިއެވެ. 

ސަރުކާރުން ބިނާކޮށް މިދިޔަ ސެެޕްޓެމްބަރ 11 ގައި ހުޅުވި ގދ. ތިނަދޫ އިސްލާމިކް މަރުކަޒުގައި 8 ކްލާސްރޫމާއި، ލައިބްރަރީއަކާއި، އެޑްމިނިސްޓްރޭޓިވް އޮފީހެއްގެ އިތުރުން މަލްޓި ޕަރޕަސް ހޯލެއްވެސް ހިމެނެއެވެ.

Advertisement

ކޮމެންޓް