ސީސީސީސީގެ މުވައްޒަފުން، މިޔަރު ބޭނި ކަމަށް ބުނާ މައްސަލަ އެކުންފުނިން ބަލަނީ

24 Oct 2018 | 06:19

ސިނަމާލް ބްރިޖް ހެދުމުގައި ހަރަކާތްތެރިވި ސީސީސީސީ ގެ މުވައްޒަފުން ގިނަ އަދަދެއްގެ މިޔަރު ބާނާ ކަމުގެ ތުހުމަތުތަކާއެކު ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކެއްގެ މައްސަލައާ ގުޅިގެން އެކަން އެކުންފުނިން ބަލަންފަށައިފިއެވެ.

އެ ކުންފުނީގެ ތަރުޖަމާން ވަންގް ޝާއޯ ވިދާޅުވީ، ބްރިޖްގެ މަސައްކަތަށް ރާއްޖެ އަށް 2016 ވަނަ އަހަރު އެ ކުންފުނިން މީހުން ގެނެސް، ރާއްޖޭގެ މާހައުލާއި، ގުދުރަތީ ރައްކާތެރިކަމާ ގުޅޭ ގޮތުން، ދިވެހި މުއައްސަސާތަކާ ގުޅިގެން ހާއްސަ ތަމްރީންތަކެއް ދިފާވާނެކަމަށެވެ.

"މިޔަރު ބޭނުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެއްކަން، ބްރިޖުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވެސް މިހާރު އަޅުގަނޑުމެން ވާނީ އަންގާފައި. އަދި ރާއްޖޭގެ ގާނޫނުތަކަށް އަޅުގަނޑުމެންގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ވެސް ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.

މިހެންކަމުން ތިމާވެއްޓަށް ގެއްލުންލިބޭ ފަދަ އެއްވެސް ކަމެއް އެކުންފުނިން ބަލައިނުގަންނަ ކަމަށާއި އެކަހަލަކަމެއް ކުރިނަމަ ކުރި ބަޔަކު ހޯދުމަށް އެތެރޭގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށް ވެސް ޝާއޯ ވިދާޅުވި އެވެ.

"ރާއްޖެ ފަދަ ގުދުރަތީ ވެއްޓަކަށް ދުނިޔޭގެ އެންމެން އުންމީދުކުރޭ. ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ތެރެއިން ރީތީ މުރަކަ އެކަންޏެއް ނޫން. މި ދިރުންތަކުގެ ތެރޭގައި ކޯމަސް، މިޔަރު، ވެލާ ކަހަނބު ފަދަ ދިރުންތައް ވެސް ހިމެނޭ. މި ތަކެއްޗަށް ގެއްލުންވެދާނެ ފަދަ އެއްވެސް ކަމެއް މި ކުންފުނިން ބަލައެއް ނުގަންނާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

މިޔަރަކީ ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ޖަނަވާރެކެވެ. އެހެންކަމުން އެއްވެސް ވައްތަރެއްގެ މިޔަރު ބޭނުމަކީ ނުވަތަ ހިފުމަކީ މުޅިން މަނާ ކަމެކެވެ.

Advertisement

ކޮމެންޓް

Advertisement