ލަންކާގައި އޭވިއޭޝަންގެ ދާއިރާތައް ކިޔަވާ ގިނަ ދިވެހިން ހާސްކަމެއްގައި!

14 Sep 2019 | 14:07

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ ކުރިއަރަމުންދާއިރު، އެ ސިނާއަތުގެ ތަަރައްގީގެ މުގުލުގައިވާ އެއް ދާއިރާއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއެވެ. މިއާއި އެކު އެ ދާއިރާާގެ އެކި ބާވަތްތަކުގެ ވަޒީފާގައި އުޅޭ ދިވެހިންގެ އަދަދު މިވަނީ އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް، އެއާކްރާފްޓް އިންޖީނިއަރުންނާއި ޕައިލެޓުންނެވެ.

މި ދެ ވަޒީފާއަށް ބޭނުންވާނެ ތަމްރީން ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ހިޖުރަކުރާ އެއް މަންޒިލަކީ އަވަށްޓެރި ސްރީލަންކާއެވެ. ދިވެހިރާއްޖެއާއި ގާތްވުމުގެ އިތުރުން ކޯހުގެ ފީ އަގުހެޔޮކަމުގައިވިޔަސް، ފެންވަރު ރަނގަޅުވުމެވެ.

ނަމަވެސް ސްރީލަންކާގައި މިދިޔަ އެޕްރީލްމަހުގެ 21ވަނަ ދުވަހު ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާއަށްފަހު، އެއާކްރާފްޓް އިންޖީނިއަރިންގާއި ޕައިލެޓްކަން ކިޔަވަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. މިކަންކަމަށް މިހާތަނަށް އެދެވޭ ހައްލެއް އައިސްފައިނުވާއިރު، މީގެ ސަބަބުން ދަރިވަރުންނަށް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

ވޮއިސްއަށް މައުލޫމާތުދިން ފަރާތަކުން ބުނިގޮތުގައި ބޮމުގެ ހަމަލާތައް ދިނުމާއި އެކު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ އެގައުުމުގައި ޕައިލެޓްކަން ކިޔަވާ ބޭރުގެ ދަރިވަރުންނަށް ވަކިގޮތެއް އަންގަންދެން އުދުހުން މަނާކޮށްފައެވެ. މިއީ ހަމައެކަނި ދިވެހިންނަށް އަމާޒުކޮށްގެން އެޅި ފިޔަވަޅެއް ނޫންކަމަށް އެފަރާތުން ވަނީ ފާހަގަކޮށްފައެވެ. ސްރީލަންކާގައި އޭރު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލިތާ ގިނަ ދުވަސްތަކެއް ވެފައިވީނަމަވެސް، އަދިވެސް ކަމާއިބެހޭ ފަރާތްތަކުން އެ ދަރިވަރުންނަށް އުދުހުމުގެ ހުއްދަ ދީފައި ނުވާކަމަށްވެއެވެ.

މީގެ އިތުރުން ލަންކާގައި އެއާކްރާފްޓް އިންޖީނިއަރިންގ ކިޔަވާ ބައެއް ދަރިވަރުންނަށްވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ކުރިން އެންގުމަކާއި ނުލައި ކްލާސްތައް މެދުކަނޑާލުމާއި، އެކަށީގެންވާ އަދަދަށް މުދައްރިސުން ނެތުމާއި ކޯހުގެ އޮނިގަނޑަށް ކުއްލި ބަދަލުތައް ގެނައުން ހިމެނެއެވެ. މިކަމާއި ގުޅިގެން އެ ދަރިވަރުންގެ ކިޔެވުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ތެރެއިން ގިނަ ދަރިވަރުންނަކީ ސަރުކާރުގެ މަތީ ތައުލީމުގެ ލޯން ސްކީމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނެވެ. އެ ދަރިވަރުންގެ ކިޔެވުން މިގޮތަށް ކުރިއަށްދާނަމަ، ދަރިވަރުންނަށް ކަނޑައަޅާފައިވާ ލޯނުގެ އަދަދު ކިޔެވުން ނުނިމެނީސް ހުސްވުމަކީ އެ ދަރިވަރުންނަށް ދިމާވެދާނެކަމެކެވެ. މިހެން ވެއްޖެނަމަ ބައެއް ދަރިވަރުން ކިޔެވުން މެދުކަނޑާލަން ޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް ވޮއިސްއާއި ވާހަކަދެއްކި ފަރާތުން ބުންޏެވެ.

މި މައްސަލަތަކާއި އެކު އެ ދަރިވަރުންތައް ވަނީ ދާދި ފަހުން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަަސަނާއި ސްރީލަންކާގައި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރގެ ފަރާތުން އެދެވޭ ޖަވާބެއް ލިބުނުކަމަށް ވޮއިސްއާއި ވާހަކަދެއްކި ފަރާތުން ބުންޏެވެ.

Advertisement

ކޮމެންޓް