މި ސަރުކާރުގައި ފަރުވާ ކުޑަވުން ކަހަލަ ކަންކަން އެބަހުރި: ރައީސް ނަޝީދު

14 Sep 2019 | 13:52

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފަރުވާކުޑަވުން ކަހަލަ ކަންކަން އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މައްޗަންގޯޅި މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ހޯލުގައި ރޭ އޮތް މި ބައްދަލުވުމުގައި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހާއި އަޅާބަލާއިރު ސަރުކާރުގެ މަސައްކަތް ކުޑަކޮށް ލަސްކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގައި ފަރުވާ ކުޑަވުމާއި އަޅައި ނުލެވުން ފަދަ ކަންތައްތައްވެސް އެބަހުރިކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ކޮންމެ ސަރުކާރަކުންވެސް ކަންތައްތައް ކުރުމަށް ވަގުތު ނަގާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަންވާނީ ހުރިހާ ވުޒާރާތަކެއް ގުޅިގެން މަސައްކަތް ކުރުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބާރަށް ގެންދެވޭނީ ހުރިހާ ވުޒާރާއެއްވެސް ހުރިހާ އިދާރާއެއްވެސް އެކުގައި ބާރަށް ގެންދަން މަސައްކަތް ކުރެވިގެން. ދެން ބައެއް ފަހަރަށް އެއްތަނުން އަނެއް ތަނަށް ސިޓީ ފޮނުވުމުގައި ދިމާވާ ލަސްވުމާއި ފަރުވާކުޑަ ކަމުން ދިމާވާ ލަސްވުމާއި ކަންކަމާއި އަޅަނުލެވޭތީއާ ކަންކަން ނުބަލަހައްޓާތީއާ މިހެން ގޮސް މިހުރިހާ ކަމެއް އެބަހުރި އުއްމީދު ކޮށްގެން މިހުންނަނީ ކުރިޔަށް މި އަންނަ މަސްތަކުގައި ތަންކޮޅެއް ބާރުވާނެ ކަމަށް"، ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް