ސައީދު ގާސިމަށް ފާޑު ވިދާޅުވެއްޖެ

16 Sep 2019 | 22:56

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ލީޑަރަކު ވެރިކަމަށް ޝައުގުވެރިކަން ފާޅު ކުރަނީ ދުނިޔޭގެ ކޮން ނިޒާމެއްގައި ކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިީދު ސުވާލު އުފައްދަވައިފިއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި އެ ސުވާލު އުފައްދަވައި، ގާސިމަށް ފާޑު ވިދާޅުވެފައިވެއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން، ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް ޗެލެންޖު ކުރައްވައި، ވެރިކަމަށް ޝައުގުވެރިކަން ފާޅު ކުރެއްވުމަކީ، ދުނިޔޭގެ ކޮން ނިޒާމެއްގައި އޮންނަ ކަމެއް ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވަނީ، ރައީސް ސޯލިހުގެ ސަރުކާރަށް ނަތީޖާ ނުނެރެވެނީ ނަޝީދުގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވެފައިވާތީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވީ ބައިކޮޅަށް ގޯލު ޖަހަނީ ހަމަ ބައިކޮޅުގައި ތިބި މީހުން ކަމުގައެވެ.

ސައީދު ގާސިމަށް ފާޑުވިދާޅުވީއިރު، ރޭ ޖޭޕީއާ ގުޅުނު ބައެއް މީހުންގެ ފޯމުތައް ހަވާލުކުރުމަށް ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީ ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ ކޮން ބޭފުޅެއްކަން ނިންމާނީ ޕާޓީން ކަަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގައިކޮޅުގައި، ރައީސް ނަޝީދު ޖައްސަވަމުން ގެންދަވާ ކަމަށާއި، ނަޝީދު ބައިކޮޅަށް ގޯލުވެސް ޖައްސަވަމުން ގެންދަވާ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement