މާކަނާ ޝޯގެ ކޮންޓެންޓް އިސްލާހު ކުރަން އެންގުމުން ރައީސް ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި

17 Sep 2019 | 12:17

ސިޔާސީ އިސް ބޭފުޅުންނަށް ހަޖޫ ޖަހާ "މާކަނާ ޝޯ"، އިޖުތިމާއީ ފޭރާމަށް ގެއްލުން ނުވާ ގޮތަށް ގެނެސްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން، ރާއްޖެ ޓީވީއަށް އެންގުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ނުރުހުންވެވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސްވެސް ކުރައްވަމުންގެންދަވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާކަނާ ޝޯ ގެނެސްދެނީ ކުޑަކުދިން ޓީވީ ބަލާ ގަޑީގައެއް ނޫން ކަމަށެވެ. އަދި އެ ޝޯގައި ބޭނުންކުރާ ބަސްތައް ބޭނުން ކުރަނީ، އެ ޝޯގެ ހަމަތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މީޑިއާ ސެންސަރު ކުރުމުގައި ވަރަށް ވިސްނާން ޖެހޭނެ ކަމަށެވެ.

ބްރޯޑްކޮމް އިން ވަނީ އިޖުތިމާއީ ފޭރާމަށް ގެއްލުން ނުވާނެ ގޮތަށް، މާކަނާ ޝޯގެ ކޮންޓެންޓް އިސްލާހު ކުރަން ރާއްޖެ ޓީވީއަށް އަންގައިފައެވެ.

ބްރޯޑްކޮމް އިން އެގޮތަށް އެންގީ، މިދިޔަ އޭޕްރީލް މަހާއި މާޗު މަހު ދެއްކި "މާކަނާ ޝޯ"ގެ ހަތަރު އެޕިސޯޑެއްގައި ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާތީ އާއި އާންމު ގޮތެއްގައިވެސް މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުންކުރާ ކަމަށް ފާހަގަވާތީ ކަމަށް އެ ކޮމިޝަނުން ރާއްޖެ ޓީވީއަށް އަންގާފައިވެއެވެ.

ސިޔާސީ އެކި ކަންކަމަށް މާކަނާ ޝޯގައި ޖޯކު ޖަހާއިރު، ވަރަށް ގިނައިން ހަޑި ހުތުރު ބަސްތައްވެސް ބޭނުން ކުރަމުންދާ ކަމަށް އެޝޯ ބަލާ މީހުން ބުނެއެވެ. އެގޮތުން އާއިލާއާއި އެކީގައި އެ ޝޯ ބަލާލަން ނުކެރޭ ކަމަށްވެސް ގިނަ މީހުން ބުނެއެވެ. 

Advertisement

ކޮމެންޓް