Advertisement

ޗައިނާއިން ޒިކާ ވައިރަސް ފެނިއްޖެ

24 Oct 2018 | 08:34

ޗައިނާއިން ޒިކާ ވައިރަސް ފެނިއްޖެކަމަށް އެގައުމުން ހާމަކޮށްފިއެވެ. މިއާއެކު ޗައިނާ ވެފައިވަނީ މިއަހަރު ޒިކާ ވައިރަސް ފުރަތަމަ ފެނުން ގައުމެވެ.

ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެގައުމުން ޒިކާ ވައިރަސް ފެނުނު މީހާ ވަނީ ދިވެރިރާއްޖެއަށް ވަރަށް ފަހުން ދަތުރުކޮށްފައެވެ.

އޭނާ ޗައިނާގެ ބައިޔުން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ އިރު ހުރީ ވަރަށް ގަދަޔަށް ހުންއައިސްފަކަމަށް އެގަމުގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. މިއާއެކު އޭނާ ޒިކާ ވައިރަސްއަށް ޕޮޒިޓިވްތޯ ބެލުމަށް ޓެސްޓުތަކެއް ހެދުނު ކަމަށާއި ޓެސްޓުތަކުން ޒިކާ ވައިރަސް ޖެހިފައިވާކަން ކަށަވަރުވުމުން އޭނާ ހޮސްޕިޓަލަކަށް ބަލަދު ކުރެވިފައިވާކަމަށްވެސް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.

މަދިރީގެ ސަބަބުން ޖެހޭ ޒިކާ ވައިރަސްގެ އަލާމަތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ގައިގަ ރޭޝް ނެގުން އަދި ކަށިގަނޑުގެ ޖޮއިންޓްތަކުގައި ރިއްސުން ހިމެނެއެވެ. ޒިކާ ވައިރަސްގެ ސަބަބުން އުފަންނުވާ ކުދިންގެ ސިކުނޑީގެ އުނިކަމަށްވެސް މަގުފަހިވެއެވެ.

ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްއިން ވަނީ ގައުމުން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ޒިކާ ވައިރަސްއިން ސަލާމަތްވުމަށް ނަސޭހަތްތެރިވާން ފަށާފައެވެ. އެގޮތުން އެބަލީގެ އަލާމާތެއް ނުވަތަ އަލާމާތްތަކެއް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ވަނީ އަންގާފައެވެ. 

Advertisement

ކޮމެންޓް

Advertisement