ރިޟްވާންގެ މައްސަލައާއި ގުޅިގެން ފަނޑިޔާރު ހަސަން ސަސްޕެންޑްކޮށްފި

17 Sep 2019 | 11:44

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައެވެ.

ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރާއްޖެއިން ބޭރަށް ހަނގުރާމައަކަށްގޮސް މަރުވެއްޖެކަމަށް ދެއްކުމަށް ދެ ފުލުހަކު ކުރި މަސައްކަތުގައި އެހީތެރިވެދިނުމަށް އުޅުނުކަމުގެ ތުހުމަތު ކުރެވިފައި ވުމުންނެވެ.

މަރުތަކާއި ބެހޭ ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހަސަން އަލީ ހުންނެވި އިރު، ދެ ފުލުހަކު އައިސް ރިޟްވާން ރާއްޖެއިން ބޭރުގައި ހަނގުރާމަކުރަން ދިޔަކަމަށް ދެއްކުމަށް ޕާސްޕޯޓެއް ހަދައި ދިނުމަށް އެދުމުން، ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

ޖަވާބުގައި އެ ފުލުހުން ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް ބުނުމުން އެމީހުން ބޭނުން ނަމަ، ރިޟްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ކަމަށް ހަސަން ވިދާޅުވިކަމަށް އޭނާ ކޮމިޝަނަށް ދިން ބަޔާނުގައިވެއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް

Advertisement