މަހާޒު ނުވަތަ ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ލަފާދީފި

17 Sep 2019 | 10:46

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ހުސްވެފައިވާ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ނުވަތަ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ބޮޑަށް ފެންނަކަމަށް ޖޭއެސްސީން ލަފާ އަރުވައިފިއެވެ.

ޖޭއެސްސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މަހާޒު ނުވަތަ ދިޔާނާ އައްޔަންކުރުމަށް ފެންނަކަމަށް ލަފާ އަރުވާފައިވަނީ، ބޮޑަށް އައްޔަންކުރަން ފެންނަ ނުވަތަ ހައިލީ ރެކޮމެންޑެޑް ފަަރާތްތަކެއްގެ ގޮތުގައެވެ.

މީގެ އިތުރުން ރެކޮމެންޑެޑް ނަންތަކެއްގެ ގޮތުގައި ހައިކޯޓުގެ ފަނޑިޔާރުންކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާގެ ނަން ވަނީ ފޮނުވާފައެވެ.

މި ހުރިހާ ފަރާތްތަކެއްގެ ނަން ފޮނުވާފައިވަނީ ޖޭއެސްސީގެ ޚާއްސަ ކޮމެޓީއަކުން މިފަރާތްތަކާއި އިންޓަރވިއު ކުރުމަށް ފަހުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަބްދުﷲ ދީދީ ވަކިކުރުމަށް މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް