Advertisement

ތިރީސް މިނެޓުން ދެވޭ އެއާޕޯޓުގެ ވައުދު އަންނަ އަހަރަށް ފުއްދަނީ

17 Sep 2019 | 16:24

ކޮންމެ ރަށަކުންވެސް ފުރައިގެން ތިރީސް މިނެޓުން ދެވޭ އެއާޕޯޓްތައް ތަަރައްގީކުރުމުގެ ވައުދު އަންނަ އަހަރަށް ފުއްދޭނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ތަރައްގީކުރަމުން އަންނަ އެއާޕޯޓްތަކުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ނިޔަލަށް ނިންމައި އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ.

އެގޮތުން ޒުހައިރު ވަނީ މިވަގުތު ކުރިއަށްދާ ބައެއް އެއާޕޯޓްތަކުގެ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.

އެބޭފުޅާ ހާމަކުރެއްވި ގޮތުގައި ހޯރަފުށްޓާއި ފަރެސްމާތޮޑާގައި އެއާޕޯޓްގެ ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކައި ވަނީ ނިމިފައެވެ. އެ އެއާޕޯޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެއެވެ. އަދި ށ.ފުނަދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓު ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވާ އޮޕަރޭޝަނަށް ގެނެވޭނެެއެވެ. އަދި ގދ.މާވާރުލު އެއާޕޯޓްވެސް މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމަށް ޒުހައިރު ވަނީ ލަފާކުރައްވާފައެވެ.

މީގެ އިތުރުން ޅ.މަޑިވަރާއި ނ.މާފަރު އެއަރޕޯޓްގެ މަސައްކަތް ނިންމައި އެތަނުގެ އޮޕަރޭޝަންތައް އަންނަ އަހަރު މާޗްގަޔާއި، މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށްވަނީ ލަފާކޮށްފައެވެ. 

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ މ.މުލީގައި ތަރައްޤީކުރާ އެއަރޕޯޓާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން ތިރީސް މިނެޓުން އެއާޕޯޓަށް ދެވޭނެގޮތް ހެދުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދޭނެކަމަށެވެ.

މުލީގައި މިހާރު ކުރިއަށްދަނީ އެއާޕޯޓް ހެދުމަށް ބޭނުންވާނޭ ބިން ހިއްކުމުގެ މަސައްކަތެވެ. 

Advertisement

ކޮމެންޓް