Advertisement

އީވާން ނަސީމުގެ މަރަށް 15 އަހަރު: މައުމޫނާ ނަޝީދު އެކުއެކީގައި

20 Sep 2019 | 15:55

މާފުށީ ޖަލުގައި ބަޑި ޖަހާ ދިވެހި ޒުވާނަކު މަރުވެ ދިޔަ ހަބަރު ކޮންމެ ދިވެއްސަކުވެސް އެހީ ފުން ހިތާމައާއެކީގައެވެ.

މާފަންނު އޭޝިޔާ ހަސަން އީވާން ނަސީމު ގަަޔަށް، މާފުށީ ޖަލުގައި ބަޑި ޖަހާ މަރާލިތާ ފަނަރަ އަހަރު ފުރިއްޖެއެވެ. އެ ހާދިސާގެ ހަނދާންތައް އީވާން ނަސީމުގެ އާއިލާގެ މީހުންގެ ހިތްތަކުން ފިލައިގެނެއް ނުދާނެކަން ޔަގީނެވެ. އަދި ދިވެހިންގެ ތެރެއިންވެސް އެތައް ބަޔަކު، ވަރަށް އަސަރާއިއެކީގައި އަދިވެސް ދަނީ އެވާހަކަތައް ދައްކަމުންނެވެ.

އިވާންގެ މަރަށް 15 އަހަރު ފުރުމާއި ގުޅިގެން ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް އަސަރާއިއެކުގައި ޓްވީޓެއްވެސް ކުރައްވައިފައެވެ. އެޓުވީޓުގައި ވިދާޅުވީ އީވާން މަރުވެގެންދިޔުމަކީ ރާއްޖޭގައި ޑިމޮކްރަސީގެ މޫވްމަންޓުގެ ފެށުން ކަމުގައެވެ. މިފަހަރު އެމަނިކުފާނު އީވާންގެ ވާހަކަ ދެއްކެވިއިރު، ތަފާތެވެ. ސަބަބަކީ މިފަހަރުގެ ވާހަކަފުޅަށް، އީވާން މަރާލިއިރު، ވެރިކަމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމްގެ ނަންފުޅު، އެވާހަކައިގެ ތެރެއަށް ނުގެނައުމެވެ.

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ މާފުށީ ޖަލުގައި ކުށްވެރިންނާ ޖަލު ބަލަހައްޓަން ފޯރިއަށް ތިބި ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ އީވާން ނަސީމު މަރާލި މައްސަލަ ނަގައިގެން، އޭރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިދިކޮޅުގައި މަސައްކަތްކުރި އެމްޑީޕީން ގައުމުގައި ބޮޑު ހަމަނުޖެހުންތަކެއްވެސް ވަނީ ހިންގާފައެވެ. އެގޮތުން އީވާން ނަސީމުގެ އާއިލާއަށް ހައްގު ހޯދައި ދިނުމަށް ގޮވާލައި، ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ، އޭރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް އަޑު އުފުލައި ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިންގާފައެވެ.

އެދުވަސް ވަރު ރައީސް މައުމޫނާ ދެކޮޅަށް އަޑު އުފުލުމަށް ނުކުތް މީހުންގެ އިސް ސަފުގައި މިއަދު ތިބި މީހުންނަކީ އިދިކޮޅު އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ. އެބޭފުޅުން މިއަދު އެތިއްބެވީ ސަރުކާރުގެ އެންމެ އިސް މަގާމުތަކުގައެވެ. އީވާން ނަސީމު މަރާލި ހާދިސާއަށް ފަނަރަ އަހަރު ފުރުނު އިރު، އެދުވަހު ކުރީގެ ރައީސް މައުމޫންގެ ސިޔާސީ ހަތުރުންގެ ގޮތުގައި ތިބި މީހުން މިއަދު ތިބީ ރައީސް މައުމޫންގެ މިތުރުންގެ ގޮތުގައެވެ. އެހެންކަމުން ޖަލުގައި އީވާން ނަސީމު މަރާލި ވާހަކަތަކަށް މިއަދު ވަނީ ފަސްއަޅާ ފޮރުވާފައެވެ.

އީވާން ނަސީމުގެ މަރަށް ފަހު ހިންގި ހަމަނުޖެހުމުގައި ފުލުހުންނަށް ވަޅިން ހަމަލާ ދީފައިވާ އިރު، ބައެއް ފުލުހުންގެ ވެހިކަލަށް ގެއްލުންދީފައިވެއެވެ. މީގެއިތުރުން ސަރުކާރުގެ މައި ހޮސްޕިޓަލަށް ގާއުކައި، ގެއްލުން ދިން އިރު ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެެ. ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރު ވެގެން ދިޔައީ ގައުމުގައި ހަމަނުޖެހުންތައް ގިނަ އަހަރަކަށެވެ.

އެންމެ ފަހުން ޖަލު ބަލަހައްޓަންތިބި ސިފައިންނާ ކުށްވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ގޮތް ހުސްވެގެން ކަމަށް ބުނެ، ޖައްވަށް ފަޒާއަށް ޖެހި ބަޑީގެ އުންޑަ އަރައިގެން، ތިން މީހަކު މަރުވެގެން ދިޔައެވެ. މަރުވި ތިން މީހުންގެ ތެރޭގައި، ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ އަބްދުﷲ އަމީނާއި، އަހުމަދު ޝިޔާޒުއާއި، އަދި އަލީ އަސްލަމް ހިމެނެއެވެ. ކަންކަން މިހާ ހިސާބަށް ދިއުމުން ދިވެހި ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވާ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދިވެހި ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. 

Advertisement

ކޮމެންޓް