2018ގެ ބަޖެޓްގަ ނެތް މަސައްކަތްތައް ނުފެށުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި

24 Oct 2018 | 17:49

އަހަރު ފެށުނުއިރު ބަޖެޓްގައި ހިމެނިފައިނުވާ އެއްވެސް އައު މަސައްކަތެއް ނުފެށުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރު އިދާރާތަކަށް އަންގައިފިއެވެ.

އިއްޔެ ދައުލަތުގެ އިދާރާތަކަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ސޮއިކުރައްވާ ފޮނުވާފައިވާ މާލިއްޔައާއި ބެހޭ ސާކިއުލާގައި ބުނެފައިވަނީ މި އަހަރުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް އިއްޔެއިން ފެށިގެން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ. 

އެގޮތުން އިދާރާތަކަށް އަންގާފައިވަނީ އަމަލީ މަސައްކަތް ފެށިފައިވާ މަރާމާތުގެ މަސައްކަތްތަކާއި، ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ މަރާމާތުގެ މަސައްކަތްތައް ފިޔަވައި މަރާމާތާއި ގުޅޭ އެއްވެސް މަސައްކަތެއް ނުކުރުމަށެވެ.

އަދި އިދާރާތަކުން ދެމުން އަންނަ ހިދުމަތްތައް ނުހުއްޓޭގޮތަށް، ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކެޕިޓަލް ހަރަދު ފިޔަވައި އެހެން ކެޕިޓަލް ހަރަދެއް ނުކުރުމަށެވެ.

މީގެ އިތުރުންވެސް އޮފީސްތަކުގައި އިތުރުގަޑީގެ މަސައްކަތް ނުކުރެވޭނެގޮތަށް ކަންކަން ރޭވުމާއި، ޑިއުޓީ އުސޫލުން މަސައްކަތް ކުރަން ނުޖެހޭގޮތަކަށް ކަންކަން ރާވާ ޑިއުޓީ އުސޫލުން މަސައްކަތްކުރާ އޮފީސްތައް މެންދުރު 2:30 ގެ ކުރިން ބަންދުކުރުމަށްވެސް ވަނީ އަންގާފައެވެ.

ހަމަ އެހެންމެ ރަސްމީ ގޮތުން ފާހަގަކުރާ ދުވަސްތައް ފިޔަވައި އެހެން ދުވަސްތައް ފާހަގަ ނުކުރުމަށާއި، އަމަލީ މަސައްކަތް ފެށިފައިވާ ޕީއެސްއައިޕީގެ މަސައްކަތް ފިޔަވައި އެހެން މަސައްކަތް ނުފެށުމަށްވެސް މި ސާކިއުލާގައި ބުނެފައިވެއެވެ.

އަދި ކުރިއަށް ނުގެންދިއުމަށް މި ސާކިއުލާގައި ކަނޑައަޅާފައިވާ ކަންތައް ބަޖެޓުން އުނިކުރާނެކަމަށް އަނގާފައިވެއެވެ.

Advertisement

ކޮމެންޓް