އަފީފް ދީދީ ސީޝެލްސްއަށް ގެންދެވުނުތާާ 56އަހަރު!

30 Sep 2019 | 12:22

1959 ވަނަ އަހަރު އިއުލާންކުރެވުނު ސުވާދީބްގެ ދައުލަތަކީ އަދިވެސް ގިނަބަޔެއްގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ބައެއް ފަރާތްތަކަށް އެދައުލަތަކީ ޒަމާނުއްސުރެ މާލޭގެ ސަރުކާރުން މުޅި ރާއްޖޭގެ މައްޗަށް ފޯރުވަމުންދިޔަ ބާރުވެރިކަމަށް ދެކުނުގެ ތިން އަތޮޅުން ގޮންޖަހާލި ގޮންޖަހާލުމެކެވެ. އަނެއްބައި ފަރާތްތަކަށް އެއީ އިނގިރޭސީން އަޑީގައި ތިބެ، ދިވެހިރާއްޖެ ބައިބައިކޮށްލުމަށް ރޭވި ނުބައި އުކުޅެކެވެ.

އައްޑުއަތޮޅާއި، ފުވައްމުލަކާއި ހުވަދުއަތޮޅު ހިމެނޭހެން އުފެއްދި އެކުވެެރި ސުވާދީބް ޖުމްހޫރިއްޔާއާއި މެދު ކޮންމެ ނަޒަރަކުން ދެކުުނު ކަމުގައިވިޔަސް، ހުރިހާ ފަރާތްތަކެއްގެ ދުލުގެ ކުރީގައި ވާނެ ފަރާތަކީ އެ ދައުލަތުގެ ރައީސް އަބްދުﷲ އަފީފެވެ. ގަމުގައި ހުންނަ ލިއޭޒަން އޮފިސަރގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި އަފީފު ވަނީ އެ ދައުލަތް ހިންގުނު ކުރު މުއްދަތުގެ ތެރޭގައި ފުރިހަމަ ސިފަޖެހިފައިވާ ދައުލަތެއްގެ ގޮތަށް ސުވާދީބް ހެދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ.

އެގޮތުން ގާނޫނު ހަދާ މަޖިލީހެއް އޮވެ، ބޭންކް ފަދަ ވަސީލަތްތައް ސުވާދީބު ޖުމްހޫރިއްޔާގައި ހުރިކަން ފާހަަގަކޮށްލެވެއެވެ.

ނަމަވެސް މި ދައުލަތަށް ދިވެހިރާއްޖޭގެ މައި ސަރުކާރާއި ވަކިވެގަނެގެން މާ ގިނަ ދުވަސްތަކެއް ވަންދެން ނޯވެވުނެވެ. އިނގިރޭސީންގެ ތާއިދު ނުލިބުމާއި އިގްތިސާދީ ގޮތުން ބަލިކަށިވެފައި އޮތުން ފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެކުވެރި ސުވާދީބު ޖުމްހޫރިއްޔާއަށް ނިމުމެއްއައެވެ. އެގޮތުން 1963ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު، އައްޑޫގައި ނަގާފައި ހުރި ސުވާދީބު ދައުލަތުގެ ދިދަ ތިރިކުރުމަށްފަހު ދިވެހިރާއްޖޭގެ ދިދަ ނެގުމާއި އެކު އެ ދައުލަތް ނިމުމަކަށް އައެވެ.

މިއާއިއެކު ދެން ދިމާވީ މާ އާދަޔާ ޚިލާފު ކަމެކެވެ. ދިވެހިރާއްޖޭގެ ގިނަބަޔަކާއި ދައުލަތުގެ ބޮޑުން ގައްދާރެއްގެ ގޮތެއްގައި ދެކެމުންއައި ސުވާދީބު ދައުލަތުގެ ރައީސް އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެއިން ބޭރަށް ފުރުވާލީއެވެ. އެކުވެރި ސުވާދީބު ޖުމްހޫރިއްޔާގެ ރައީސް އަބްދުﷲ އަފީފާއި އޭނާގެ އާއިލާ، އިނގިރޭސި މަނަވަރެއްކަމުގައިވާ “އެޗްއެމްއެސް ލޮކް ލޮމޮންޑް" ގައި ސީޝެލްސްއަށް މީގެ 56 އަހަރު ކުރިން ގެންދެވުނެވެ. އެއީ 30 ސެޕްޓެމްބަރ 1963 ގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިންނާާއި އިނގިރޭސީންގެ ހިމާޔަތުގެ އެއްބަސްވުމުގައި ފާހަގަކުރެވިފައި އޮތީ، ދިވެހިންގެ ދާޚިލީ ކަންކަމުގެ ތެެރެއަށް އިނގިރޭސީން ނުވަންނާނެކަމަށެވެ. ނަމަވެސް އަފީފާއި އޭނާގެ އާއިލާ ސީޝެލްްސްއަށް ގެންދެވުނީ ދިވެހި ދައުލަތަށް ނޭނގިކަމަށްވެއެވެ.

ދިވެހިރާއްޖޭގެ ފަރާތުން އޭރު ސިލޯނުގައި ހުންނެވި ސަފީރުކަމުގައިވާ އަލްމަރުހޫމް އަބްދުއްސައްތާރު މޫސާ ދީދީ 2015ވަނަ އަަހަރުގެ ތެރޭގައި މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އަފީފް ފުރާވަޑައިގެންނެވިކަން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރަށް އެނގިވަޑައިގެންނެވީ ބީބީސީ ރޭޑިޔޯއިން އެކަން އިއުލާންކުރުމުންކަމަށެވެ.

އެކަމާއި ގުޅިގެން އެދުވަހުގެ މެންދުުރުފަހު ބޮޑުވަޒީރު ނާސިރު އިނގިރޭސި ސަފީރުކަމުގައިވާ އާތިންގްޓަން ޑޭވީއާއި އެކު ބައްދަލުވުމެއް ބޭއްވެވިއެވެ. އެ ބައްދަލުުވުމުގައި ނާސިރު ސުވާލުކުރެއްވިކަމަށްވެއެވެ. ދިވެހި ސަރުކާރަށް ނޭނގި ދިވެއްސަކު އެފަދައިން ރާއްޖެއިން ބޭރަށް ގެންދެވޭނީ ކިހިނެތްތޯއެވެ؟ އެކަމުގެ ޖަވާބުގައި ޑޭވީ ވަރަށް ރުންކުރުކޮށް ރާއްޖެއަކީ އިނގިރޭސީންގެ ހިމާޔަތުގައިވާ ދައުލަތެއްކަމުން، އެބަޔަކު ބޭނުންތަނަކަށް ބޭނުން މީހަކު ގެންދެވޭނެކަމަށް ބުނިކަމަށްވެއެވެ.

ނާސިރުވެސް އެހިސާބުން ވިދާޅުވީ ތިހެންކަމަށް ވަންޏާ ހިމާޔަތުގެ ދައުލަތެއްގެ ގޮތުގައި އޮންނާކަށް ބޭނުންފުޅު ނުވާކަމަށެވެ. އެހެންކަމުން މި ހާދިސާއަކީ އިނގިރޭސީންގެ ހިމާޔަތުގެ އުނގުން ދިވެހިން ވީއްލުމަށް ކުރި މަސަައްކަތުގެ ހުޅު ބޮޑަށް ރޯވި ހިސާބުކަމަށްވެސް ބުނެވިދާނެއެވެ. 

Advertisement

ކޮމެންޓް