މެސީ ނުލާވެސް ބާސާއަށް ފަސޭހަ މޮޅެއް

25 Oct 2018 | 07:49

ބާސެލޯނާ އަދި އިންޓަ މިލާން ޗެންޕިއަންސް ލީގުގައި ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

ސްޕެނިޝް ލީގުގައި އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗުގައި އަނިޔާވުމުގެ ސަބަބުން ތިން ހަފްތާއަށް ކުޅުމާއި ދުރުގައި ހުރި މެސީއާއި ނުލާ ކުޅުން މި މެޗުން މޮޅުވެ މި ސީޒަނުގައި ޗެންޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑުވެސް ބާސެލޯނާއިން ވަނީ ދަމަހައްޓާފައެވެ.

މެޗު ފަށައިގެން ބާސެލޯނާގެ ގޯލަށް ނުރައްކާކުރި ނަމަވެސް އިންޓައަށް މެޗުގެ ބާކީއޮތްބައިގަ މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ބާސެލޯނާގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 32 ވަނަ މިނެޓުގައި ހުނަރުވެރި ފޯވަޑް ސުއަރޭޒް ނަގަދިން ހުރަހަކުން ރަފީނިއާއެވެ. އަދި ބާސެލޯނާގެ ދެވަނަ ލަނޑު މެޗު ނިމެއް ހަތް މިނެޓަށްވެފައި ވަނިކޮށް ޖަހައިދިނީ ރަކިޓިޗް ދިން ޕާހަކުން އަލްބާއެވެ.

މި ގުރޫޕުގައި ކުޅެވުނު ޕީއެސްވީ އަދި ޓޮޓެންހަމްގެ މެޗު ވީ 2-2 ކުން އެއްވަރެވެ. ޓޮޓެންހަމްގެ ކީޕަރު ލޮރިސްއަށް ރަތް ކާޑު ދެއްކި މި މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލޫކަސް މޯރާ އަދި ހެރީ ކޭންއެވެ. ޕީއެސްވީގެ ފަރާތުން ފެނުނު ލަނޑުތައް ޖަހައިދީފައިވަނީ ލޮޒާނޯ އަދި ޑި ޖޮންގެވެ.

ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައެވެ. ހަ ޕޮއިންޓާއެކު އިންޓަ ގުރޫޕުގެ ދެވަނައިގަ އޮތްއިރު ލިބުނު އެއް ޕޮއިންޓާއެކު ތިންވަނައިގަ އޮތީ ޓޮޓެންހަމްއެވެ.  

Advertisement

ކޮމެންޓް