Advertisement

ޕީއެސްޖީ ކިރިޔާ ސަލާމަތްވިއިރު ލިވަޕޫލަށް ފަސޭހަ މޮޅެއް

25 Oct 2018 | 08:30

ޗެންޕިއަންސް ލީގުގައި ޕީއެސްޖީއިން ނަޕޯލީއާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިނުވެ ކިރިޔާ ސަލާމަތްވިއިރު ލިވަޕޫލް ކުޅުނު މެޗުން އެޓީމު ގިނަ ލަނޑުތަކެއް ޖަހައި ފަސޭހަކަމާއެކު ތިން ޕޮއިންޓް ހޯދައިފިއެވެ.

ވަރުގަދަ އަދި ރީތި ކުޅުމެއް ފެނިގެން ދިޔަ ޕީއެސްޖީ އަދި ނަޕޯލީ ބައްދަލުކުރި މެޗުގެ ކުރި ހޯދާފައިވަނީ އިންސީނިއޭ މެޗުގެ 29 ވަނަ މިނެޓުގައި ޖަހައިދިން ލަނޑުން ނަޕޯލީއެވެ.

ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ނަޕޯލީގެ ޑިފެންޑަރު މާރިއޯ ރުއީ އަތުން ބައިކޮޅަށް ވައިން ލަނޑާއެކު ކުޑަ ވަގުތު ކޮޅަކަށް މެޗުގެ ނަތީޖާ ހަމަހަމަވި ނަމަވެސް ނަޕޯލީއިންވަނީ 77 ވަނަ މިނެޓުގައި މަރޓެންސް ޖަހައިދިން ލަނޑުން އަނެއްކާވެސް ކުރި ހޯދާފައެވެ.

މެޗުގައި ފެނުނު ހަތަރު ވަނަ ލަނޑު އަދި ޕީއެސްޖީ ބަލިނުވެ ސަލާމަތްވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ޑި މާރިއާއެވެ.

މެޗުގެ ކުޅުން ނިމުމާއެކު ޕީއެސްޖީގެ ނޭމާ ވަނީ އެޓީމުގެ ކޯޗާއި ސަލާން ކުރަން ދެކޮޅުހަދާއި ރުޅިވެރިކަމާއެކު ދަނޑު ފައިބާފައެވެ.

މި ގުރޫޕުގައި ކުޅެވުނު ދެވަނަ މެޗުގައި ލިވާޕޫލްވަނީ 4-0 ކުން ރެޑް ސްޓާ ބެލްގްރޭޑް ބަލިކޮށްލާފައެވެ.

މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ލިވަޕޫލްގެ ފުރަތަމަ ލަނޑު ފިރްމީނޯ ޖަހައިދިން އިރު ދެވަނަ އަދި ތިންވަނަ ލަނޑު ޖަހައިދިނީ ސަލާހެވެ. މިއާއެކު ސާލާހް ލިވަޕޫލަށް ކުޅެދިން 65 މެޗުގައި ވަނީ 50 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ލިވަޕޫލުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މާނޭއެވެ. މާނޭގެ މި ލަނޑުގެ ކުރިން އޭނާވަނީ ލިބުނު ޕެނަލްޓީއެއް ބޭކާރުކޮށްލާފައެވެ.

މި ނަތީޖާތަކާއެކު ތިން މެޗު ކުޅެގެން ލިބުނު 6 ޕޮއިންޓާއެކު ލިވަޕޫލް ގުރޫޕްގެ އެއްވަނައިގަ އޮތްއިރު ނަޕޯލީ އޮތީ 5 ޕޮއިންޓާއެކު ދެވަނައިގައެވެ. 4 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ގުރޫޕުގެ ތިންވަނައިގައެވެ. 

Advertisement

ކޮމެންޓް