ޔަމަނުގެ މީހަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއް: އިމްރާން

02 Oct 2019 | 17:04

2017ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ހައްޔަރުކޮށް، މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ޔަމަންގެ މީހާއަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއްކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން މިހެން ވިދާޅުވީ އިސްކަންދަރު ކޮށީގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ޔާސިރު ޔަހުޔާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަނީ އަމިއްލަ އިޚުތިޔާރުންކަމަށެވެ. އެގޮތުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިފައިވާ ބާރުގެ ދަށުން، ޔާސިރު ރާއްޖެ ދޫކޮށް ދާން އެންގުމުން ޕާސްޕޯޓް ފޮރުވައި، ފުރައިގެން ދާން އިންކާރުކުރިކަމަށް އިމްރާން ވިދާޅުވިއެވެ.

އަދި ޔާސިރު ފުރައިގެން ދާން ބޭނުންނަމަ މިހާރުވެސް ދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޔާސިރު ބަންދުން ދޫކޮށްލައިފިނަމަ ނުރައްކާވެދާނެ ކަމަށާއި އެގޮތުން ރާއްޖޭގައި އުޅޭ ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް މީހުންނާ ވެސް އޭނާއާ ގުޅުން އޮންނަކަން ފުލުހުންނަށް އެނގިފައިވާ ކަމަށެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުން ވެސް ޔާސިރާއި ބެހޭ މައުލޫމާތު ދީފައި އެބަހުރި ކަމަށް ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ.

2017ވަނަ އަހަރު ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެއަށް ކުރައްވަން އޮތް ދަތުރުުފުޅާއި ދިމާކޮށް ބަންދުކުރެވުނު ޔަހުޔާ އަކީ އަރަބި މުދައްރިސެއްގެ ގޮތަށް އައިޔޫއެމްއާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި މަސައްކަތް ކުރަމުންދިޔަ ފަރާތެކެވެ. 

އޭނާ މިވަގުތު އޮތީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްކުރުމުގެ ސަބަބުން ޙާލުދެރަވެ، ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައެވެ.

Advertisement

ކޮމެންޓް