އދގައި ތަގުރީރުކޮށްގެން ރާއްޖެއަށް އެހީއެއް ނުލިބޭނެ: ރައީސް ޔާމީން

05 Oct 2019 | 18:28

އދ.ގައި ތަގުރީރުކޮށްގެން ރާއްޖެއަށް އެހީއެއް ވަކި ނުލިބޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ.ހިންމަފުށީގައި ތިއްބެވި ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އދ.ގައި ތަގުރީރުކުރުމުން ދިވެހިރާއްޖެއަށް ވަކި އެހީއެއް ނުލިބޭނެކަމަށާއި ނަމަވެސް ދުނިޔޭގެ އެކިއެކި ކަންކަމާއި މެދު ދިވެހިރާއްޖެއިން ދެކޭގޮތް ހާމަވާނެކަމަށެވެ. މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އެބޭފުޅާ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާފައި ނުވިކަމުގައިވިޔަސް، ޗައިނާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލާއި ބައްދަލުކުރެއްވިކަމަށް ވިދާޅުވެފައެވެ.

އަދި މި ބައްދަލުވުމުގައި ރާއްޖޭގެ ތަރައްގީއާއި ގުޅޭ އެކި ދާއިރާތަކުން މަޝްވަރާކުރެއްވިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ވަޑައިނުގެންނެވީ ދިވެއްސާއި އިނގިރޭސިބަހުން ތަގުރީރު ކުރައްވަން އެނގިވަޑައި ނުގަންނަވާތީ ނޫންކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އދ.ގައި ތަގުރީރުކުރައްވާފައި ނުވާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް، ބޮޑެތި ފާޑުކިޔުންތަކެއް އަމާާޒުކޮށްފައެވެ. އަދި އެ އަމަލަކީ ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތަކީ އެކަހެރިވެގަތުންކަމަށް އަންގައިދޭ އަމަލެއްކަމަށް އެފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement