Advertisement

ދީނަށް ފުރައްސާރަކުރުން ހުއްޓުވަން މަޖިލީހަށް ބިލެއް ވައްދަނީ

06 Oct 2019 | 00:25

އިސްލާާމްދީނަށް ފުރައްސާރަކުރާ ތަފާތު އަމަލުތައް ހުއްޓުވުމަށް މަޖިލީހަށް ބިލެއް ހުށައެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކުރީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އެކުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވިދާޅުވީ ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ ދެކޮޅަށް އަދަބު ކަނޑައަޅައި، ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަދި ދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ގާނޫނީގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް އިސްލާމިކް މިނިސްޓްރީން ކުރައްވާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ އަރުވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގިނައަދަދެއްގެ ދީނީ އިލްމުވެރިން އިސްލާމިކް މިނިސްޓްރީއާއި ބައްދަލުކޮށްފައިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓަކާއި މެދު ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ބެލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ "ޚިޔާލީ ވާހަކައެއް"ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށް ވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.

މިއާއެކު އެމްޑީއެންގެ އިސްވެރިނަށް ގިނަ އަދަދެއްގެ ޢާންމުންނާއި، ދީނީ އިލްމުވެރިން އަދި ސިޔާސީ ފަރާތްތަކުން ފާޑުކިޔުން އަމާޒްވުމާއެކު ފުލުހުން ވަނީ އެމްޑީއެންގެ އިސްވެރިންގެ ފޮޓޯ ޢާންމު ކުރާ މައްސަލަ ބަލަމުން އަންކަމަށް ފުލުހުން ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement