Advertisement

ވޭމަންޑޫ ކައުންސިލުން ރައީސް ސޯލިހަށް: ދީނަށް ފުރައްސާރަ ކުރި ރިޕޯޓު ލިޔުނު މީހުނަށް ފިޔަވަޅު އަޅައިދީ

07 Oct 2019 | 12:45

އިސްލާމް ދީނަށް ފުރައްސާރަކޮށް، ކުފުރުގެ ބަސްްތައް ހިމަނައި، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން)އިން ރިޕޯޓު ތައްޔާރު ކުރި މައްސަލަ ތަހުގީގުކޮށް އެކަން ކުރި މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ތ.ވޭމަންޑޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ގޮވާލައިފިއެވެ.

ޕްރީލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި އެމްޑީއެންއިން ދީނަށް ހަޖޫ ޖަހައި ނެރުނު ރިޕޯޓާ ގުޅިގެން ދިވެހިންގެ ލޭ ކައްކާލާފައިވާއިރު ވޭމަންޑޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ރިޕޯޓު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. މިއީ މިމައްސަލައިގައި ކައުންސިލަކުން ބަޔާނެއް ނެރުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން، މާތް ﷲގެ ކުޅަދުއްވަންތަ ކަމާއި، އެ އިލާހުގެ ރައްބު ވަންތަ ކަމާމެދު ޝައްކު އުފައްދާ އެ އިލާހުގެ ވަހީ ބަސްފުޅު ކީރިތި ޤުރުއާނުގައި ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި އާލަމްތަކަށް ރަހްމަތެއް ކަމުގައި ފޮނުއްވި މާތް ސާހިބާގެ އަބުރުފުޅާއި، މާތް ސާހިބާގެ ޝަހްސިއްޔަތުގެ ގަދަރާ ކަރާމާތަށް އިހާނެތިކޮށް ިޕޯޓުގައި ހިމަނާފައިވާތީ މިކަަމަކީ އެމްޑީއެން އިން ކުރި ވަރަށް ދަށު ދަރަޖައިގެ އަދި ފަސާދައިގެ އަމަލެއްކަން ވޭމަންޑޫ ކައުންސިލުން ފާހަގަކުރެއެވެ.

ވޭމަންޑޫ ކައުންސިލުން ބުނީ އެމްޑީއެންއިން އެފަދަ ރިޕޯޓެއް ނެރެގެން ހިންގި އަމަލަކީ ރާއްޖޭގެ މިނިވަންކަމާއި، އަމާންކަން އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އަސާސް ކަމުގައިވާ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށެވެ.

އަދި މިއީ ރާއްޖޭގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 94/6 ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ގެ ހަތަރުވަނަ މާއްދާއާއި، ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 19 އަދި 20 ވަނަ މާއްދާއާއި، ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ރ)ގެ ދަށުން މަނާ ކުރެވިފައިވާ ކުށެއް ކަމަށް ވުމުން އެކަން ބަލައިދޭންވެސް ވަނީ އެދިފައެވެ. މީގެ އިތުރުން ދީނަށް ފުރައްސާރަ ކުރުމުގެ އެފަދަ އަމަލުތައް އިތުރަށް ތަކުރާރު ނުވާނޭހެން ދައުލަތުގެ ކަންކަން ބައްޓަންކޮށް ތަރުތީބު ކޮށްދެއްވުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށާއި، ރައީސް ސޯލިހަށްވެސް ގޮވާލާ ކަމަށް ވޭމަންޑޫ ކައުންސިލުން ބުނެފައިވެއެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ތެރެެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، އެކަމާ ގުޅިގެން ސަރުކާރުގެ އިސްވެރިން "ހަނު" ހުންނަވާތީ ގިނަ ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.  

Advertisement

ކޮމެންޓް