ގަވައިދާ ހިލާފަށް ވެލި ނެގުމުގެ ދެ މައްސަލައެއް ފުލުހުން ބަލަނީ

06 Oct 2019 | 19:18

އުސޫލުތަކާ ހިލާފަށް ގޮނޑުދޮށުން ވެލި ނެގުމުގެ ދެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި ދެމައްސަލަވެސް ފެންމަތިވެފައިވަނީ ގއ.ވިލިނގިލީގައެވެ. އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ވެލި ނެގި ދެ މައްސަލައަކީ އިއްޔެ އެރަށު އިބްރާހީމް މުހައްމަދު ކަލޭފާނު މަގު ގޮނޑުދޮށުން 61 ބަސްތާ ވެލި ނެގި މައްސަލައަކާއި، މިއަދު ހަމަ އެރަށު ކުނި ކޮއްޓާ ދިމާ ގޮނޑު ދޮށުން 100 ބަސްތާ ވެލި ނެގި މައްސަލައެވެ.

ގެދޮރު އިމާރާތް ކުރުމަށް ނުވަތަ ފަރުދީ އަދި އެހެނިހެން ބޭނުންތަކަށްވެސް ގަލާއި، ވެއްޔާއި އަކިރި ނަގަންވާނީ "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި ވެލި ނެގުމުގެ ގާނޫނު" އަދި "ގަލާއި ވެއްޔާ އަކިރި ބޭނުން ކުރުމުގެ ގަވައިދު"ގެ އިތުރުން، "ދިވެހި ރާއްޖޭގެ ރަށްރަށާއި، ފަޅު ފުންކުރުމުގެ ގަވައިދު"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އީޕީއޭއިން ވެލި ނަގަން ހުއްދަ ދޭ ތަންތަނުން ކަމަށް ފުލުުހުން ވަނީ ބުނެފައެވެ. އަދި ގަވައިދާ ހިލާފަށް ވެލި ނަގާ ފަރާތްތަކާއިމެދުގައި އީޕީއޭއާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ކުރި ޓްވީޓުގައި ބުނެފައިވަނީ ރަށް ގިރުމުގެ މައްސަލަ ތަކަކީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ގުޅިފައިވާ މައްސަލަތައް ކަމަށެވެ. އަދި މީގެ އިތުރުން، ގޮނޑުދޮށުން ވެލި ނެގުމުން ރާއްޖޭގެ ރަށްގިރުމުގެ މައްސަލަތައް ކުރިމަތިވާކަން ފާހަގަކޮށް، ގުދުރަތީ ވެށި ރައްކާތެރި ކުރަން އެންމެން މަސައްކަތް ކުރުން މުހިންމުކަންވެސް ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް