ޗައިނާއާއި އެކު ގާއިމްކޮށްފައިވާ އެފްޓީއޭ ދަމަހައްޓަން މަޖިލީހުން ކުރިއަށްދާން ބޭނުންވާނެހެން ހީނުވޭ: ރައީސް ނަޝީދު

06 Oct 2019 | 18:23

ކުރީ ސަރުކާރުން ޗައިނާއާއި އެކު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް ދަމަހައްޓަން ރައްޔިތުންގެ މަޖިލީހުން ބޭނުންވާނެހެން ހީފުޅުވެވަޑައި ނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔާގެ ނޫހެއްކަމުގައިވާ ދަ ހިންދޫއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމާއި ހަވާލުވުމުން އިދިކޮޅުގައި ތިބެ ގޮވާލާ ބަދަލުތައް ތަންފީޒުކުރުމަކީ ދަތިކަމެއް ކަމަށެވެ. ޗައިނާއާއި ރާއްޖޭގެ ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ޗައިނާއާއި އެކު ޚާއްސަ ގޮތްތަކެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަދަދު އެފަރާތުން ދީފައިވާ މަތިކުރެވިފައިވާ އަދަދުން ހަގީގީ އަދަދަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޗައިނާއާއި އެކު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އެކު ކުރިއަށްދާން ބޭނުންވާނެހެން ހީފުޅުވެވަޑައި ނުގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޗައިނާއާއި އެކު ގާތްގުޅުމެއް އެބައޮތްކަމަށާއި ނަމަވެސް އެގައުމުން ދަރަންޏަށް ދޫކުރާ ފައިސާގެ އުސޫލާއިމެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭކަމަށެވެ.

Advertisement

ކޮމެންޓް

Advertisement