Advertisement

ޕެންޝަން އޮފީހާއި ސްޕޯޓްސް ކޯޕަރޭޝަނުން ގުޅިގެން ޚާއްސަ ހިނގާލުމެއް ބާއްވަނީ

07 Oct 2019 | 08:39

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ތްރީ ޖެނެރޭޝަން ވޯކް" ގެ ނަމުގައި ޕެންޝަން އޮފީހުން ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުމުގެ އެސޯސިއޭޓް ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަނުން ޕެންޝަން އޮފީހާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކު އަދި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މައުރޫފް އަހްމަދެވެ.

ކުޑަކުދީންނާއި މައިންބައިފައިން އަދި މާމާ/ކާފައިން ހިމެނޭ އާއިލާތަކުގެ 3 ޖީލު ބައިވެރިވާ ގޮތަށް އިންތިޒާމު ކުރެވޭ މިހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޯބަރ 2019 ވާ ހުކުރު ދުވަހު ހަވީރު 4.00 އިން 6.00 އަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މިހިނގާލުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި ހިނގާލުމަށް ހާއްސަ ވެބްސައިޓް https://3genwalk.pension.gov.mv/ މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މިހިނގާލުމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައިނެގޭ ގުރުވަތުން ހޯވޭ ނަސީބުވެރި 3 ފަރާތަކަށް 2,000ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 3 ޖީލަށް ވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނެގޭ ގުރުވަތުން ހޮވޭ އާއިލާ އަކަށް 3,000ރ އަދި ހިނގާލުމުގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެންމެ ދޮށީ މީހަކު ހިމެނޭ އާއިލާ އަކަށް 3,000ރ ދިނުމަށްވަނީ ހަމަޖެހިފައެވެ.

އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިވާ ގޮތަށް ބޭއްވުމަށް ހަމަޖެހިފައިވާ މިހިނގާލުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަންމަތީ އުޅުމަށް ކުރެވެން ހުރިކަންކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމާއި، އެކަމުގެ މުހިންމުކަން ކުޑަކުދިންނާއި ޒުވާނުންނަށް އަންގައިދިނުމާއި، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

Advertisement

ކޮމެންޓް