މިންތީގެ ހަަމަހަމަކަމަށް ގޮވާލާ ފަރާތްތައްވެސް ނައްތާލަންޖެހޭ: މެންބަރު ނަޝީދު

07 Oct 2019 | 12:40

އަންހެނުންނާއި ފިރިހެނުންނާއި ދެމެދު މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ގޮވާލާ ފަރާތްތައްވެސް ނައްތާާލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓާއި ގުޅިގެން ހުށައެޅުއްވި ކުއްލި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު  ނަޝީދު ވިދާޅުވީ އިސްލާމް ދީނަށް ހަޖޫޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ދިވެހިރާއްޖޭގައި ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދެނީ ލާދީނީ މީހުންގެ ސަބަބުން ކަމަށްވެސް މެންބަރު ނަޝީދު ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން މެންބަރު ނަޝީދު ވަނީ މިންތީގެ ހަމަހަމަކަށް މަސައްކަތްކުރާ ފަރާތްތަކާއި، އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަމަށް ގޮވާލާ ފަރާތްތަކަކީ ނައްތާލަންޖެހިފައިވާ ކަތުރުފަނިތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"އަޅުގަނޑު މިބުނަނީ ލާދީނީ މީހުން ނައްތާލާށޭ. އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން، ރެއިންބޯ ކުލައިގެ މީހުން ނައްތާލާށޭ. ހަމަހަމަ ކަމަށް މި ގޮވާލާ، އަންހެނުންނާ ފިރިހެނުންގެ ހަމަހަމަކަމަށް، އަންހެނަކަށް އޮންނަ ކޮންމެ ހައްގަކާ، ފިރިހެނަކަށް އޮންނަ ކޮންމެ ހައްގަކާ ހަމަހަމަކަމަށް ގޮވާލާ މީހުން ނައްތާލަންވީ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މީގެކުރިންވެސް އަންހެނުންނަށް ނުލިިބިގެން އުޅެނީ ކޮން ހައްގެއްތޯ ސުވާލު އުފައްދަވާފައެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ދީނާއި ދެކޮޅަށް މަސައްކަތްކުރާ ދިވެހިންގެ ރަށްވެހިކަން އަތުލަންޖެހޭ ކަމަށާއި ސަބަބަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ދިވެއްސަކަށްވުމަށް މުސްލިމަކަށްވުމަށް އޮންނާތީކަމަށެވެ.

Advertisement

ކޮމެންޓް