Advertisement

އެމްޑީއެންގެ ރިޕޯޓުގައިވާ ވާހަކަތައް ބަަލައެއްނުގަނެވޭނެ: ރައީސް ޞާލިހު

07 Oct 2019 | 15:48

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި ރިޕޯޓްގައިވާ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު އާންމުކުރެއްވި ބަޔާނެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 10ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރަކީ ވެސް އިސްލާމް ދީން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު، އިސްލާމްދީނުގެ ތަރަހައިގެ ތެރެއިން ވެރިކަން ހިންގައި، އެ ދީން ހިމާޔަތް ކުރުމަކީ ރާއްޖޭގެ އެންމެ މަތީ ވެރިޔާއާ ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

އަދި އެ ޒިންމާ އަދާކުރުންމަތީ ދެމިހުރުމަކީ އެމަނިކުފާނުގެ އިސް ވާޖިބުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްޑީއެންއިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން މި މައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމުވެފައި މިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނު ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އަޅަމުން ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް