"އަހަރުމެންގެ ނަބިއްޔާއަށް ފުރައްސާރަ ނުކުރޭ. ހަމައެކަނި އެދުމަކީ އެއީ"

13 Oct 2019 | 07:09

" އަހަރުމެންގެ މާތް ނަބިއްޔާ ކީރިތި ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަކޮށްގެން، އަހަރުމެންގެ އަގީދާއަށް "އަނިޔާ" ނުކުރޭ. އަހަރުމެންގެ ހަމައެކަނި އެދުމަކީ އެއީ" މިއީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދެއްކެވި ވާހަކަފުޅެކެވެ.

އެމަނިކުފާނު އެދުވަހު ދެއްކެވި ވާހަކަ އަކީ މުޅި ދުނިޔެއަށް، އިސްލާމީ ގައުމުތަކުގެ ފަރާތުން އިއްވަން ބޭނުންވާ ވާހަކަތަކެކެވެ. ކޮންމެ ގައުމެއްގެ އިސްލާމީ ލީޑަރަކުވެސް ދައްކަން ޖެހޭ، އެހެންނަަމަވެސް، ދައްކަން ފަސްޖެހޭ ވާހަކަތަކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންގެ ވާހަކައިގައި ވަނީ މުސްލިމުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ "އިސްލަމޮފޯބިއާ" ކަމަށް ވިދާޅުވެފައެވެ. އިސްލަމޮފޯބިއާ އަކީ އިސްލާމް ދީނަށް ނަފްރަތު ކުރުމެވެ. އެކަން ފެށިގެން އައީ ހުޅަނގުގެ ގައުމުތަކުން، މުސްލިމުންނަމީ ޓެރަރިސްޓުންގެ ގޮތުގައި ސިފަ ކުރަމުން އަންނާތީ ކަމަށްވެސް އިމްރާން ހާން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ "ރޭޑިކަލް އިސްލާމް" ނުވަތަ ދީނުގައި ހައްދު ފަހަނަ އަޅައި ދިއުން އެއީ އޮންނަ އެއްޗެއް ނޫން ކަމަށެވެ. އަދިި އެކަން އިސްލާމީ ލީޑަރުން މުޅި ދުނިޔެއަށްވެސް ބުނެދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. ހުޅަނގުގެ މީހުން މުސްލިމުން ރުޅި އެރުވުމަށްޓަކައި އިސްލާމް ދީނަށާއި، މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމުން، އޭގެ ބަދަލުގައި މުސްލިމުންގެ ފަރާތުން ރުޅިވެރިކަން ފެނުމުން އެފަދަ އަމަލުތައް ބަލައިގަންނަން ދަތިވުމުން މުސްލިމުންނނަނީ އިންޓޮލެރެންޓް ބައެއްގެ ގޮތުގައި ސިފަ ކުރާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން އދގައި ދެއްކެވި އެ ވާހަކަތައް ރާއްޖޭގެ މިއަދުގެ ހާލަތާއި ވަރަށް ގުޅެއޭ އަޅުގަނޑުގެ ހިތަށް އަރައެވެ. މިއަދު މި ރާއްޖޭގެ ވެރިން އަންނަނީ އަޑު ހަރުކޮށް "ހަރުކަށި ފިކުރު"ގެ މީހުންގެ ވާހަކަ ދައްކަމުންނެވެ. ހަރުކަށި ފިކުރާ ދެކޮޅަށް ގާނޫނުތައް ހަދައި، ހަރުކަށި ފިިކުރު ނައްތާލުމާ ބެހޭ ވާހަކަތައް ބައިނަލްއަގްވާމީ ޕޯޑިއަމްތަކުގައި ދައްކަމުން އަންނައިރު، އިސްލާމުންގެ ދިފާއުގައި ވާހަކަ ދައްކަވާ މަންޒަރެއް ނުފެނެއެވެ.

އިސްލާމް ދީނަށާއި، ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމުގެ ނުބައި ވާހަކަ، ފާޅުގައި ދައްކަވަން ފަސްޖެހިވަޑައިގަންނަވައެވެ. ބަޔަކު "ލާދީނީ" އަމަލެއް ކުރުމުން އެ ވާހަކަ ދައްކައިފިނަމަ، ގޯސް ވަނީ އެވާހަކަ ދައްކާ ބައެކެވެ. އަދި އެވާހަކަ ދައްކާ މީހުންނަނީ ބަޣާވާތް ކުރަން އުޅޭ ބައެއްގެ ގޮތުގައިވެސް އެބަ ސިފަ ކުރެއެވެ.

ރާއްޖޭގެ ޖަމިއްޔާއަކުން ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން ވަލީއއުލްއަމްރު ނެރުއްވީ ބަޔާނެއް އެކަންޏެވެ. އެވެސް އެކަންވެ ނިމި، އެކަމުގެ "ހޫނު"ކަން ކެނޑޭ ހިސާބަށް ގޮސްފައި އޮއްވައެވެ. މިއަދު ރައްޔިތުން ދައްކަމުން އަންނަނީ އެ ބަޔާނުގެ ލޮނު މަޑު ކަމުގެ ވާހަކައެވެ.

ދީނަށް ފުރައްސާރަ ކުރުމަކީ ދިވެހީންގެ އެންމެ މަތީ މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމުގައި ވާއިރުވެސް، އެކަމާ ދެކޮޅަށް އެއްޗެއް ވިދާޅުވާން އެހާ ގިނަ ވަގުތު އެ ނެގީ ކީއްވެގެން ކަމާމެދު އެތައް ބަޔަކު ސުވާލު އުފައްދައެވެ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ނުފޫޒު ހަމަ އެހާ ގަދައީ ހެއްޔެވެ؟ ނޫންނަަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ގޮތަށް، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ފިކުރާއި، އެމްޑީއެންގެ ފިކުރަކީ އެކައްޗަކަށް ވަނީ ބާއެވެ؟

ރައްޔިތުން ހުއްޓުމެއް ނެތި ގޮވާލަމުން އަންނަނީ އެމްޑީއެންއާ މެދު ފިޔަވަޅު އެޅުމަށެވެ. އެޖަމިއްޔާ ބަންދު ކުރުމަށެވެ. މިއީ ހަމައެކަނި ސިޔާސީ ބޭފުޅުން ދައްކާ ވާހަކަައެއް ނޫނެވެ. ސަރުކާރަށް ތާއީދު ކުރާ މީހުންވެސް އެކަން ބޭނުން ވެއެވެ. އެހެންކަމުން، ރައީސް ސޯލިހުއަށް އޮތް ހަމައެކަނި ޗޮއިސް އަކީ އެޖަމިއްޔާ ބަންދު ކުރުމެވެ. 

Advertisement

ކޮމެންޓް

Advertisement