Advertisement

އެމްޑީއެންގެ ރިޕޯޓުގައިވާ ކަންކަން އޮޅުވަމުންދާތީ ޙަޤީޤަތް ހާމަކޮށް ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއް ނެރެފި!

07 Oct 2019 | 23:23

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން "ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" މި ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި ވާ ކަމުގެ ހަޤީގަތް އޮޅުވާލަމުންދާތީ ހަޤީގަތް ހާމަކޮށް ޖަމިއްޔަތުއްސަލަފުން ބަޔާނެއް ނެރުއްވައިފިއެވެ.

އެ ޖަމިއްޔާގެ ބަޔާނުގައި ހާމަކޮށްފައިވާގޮތުގައި މި ލިޔުމަކީ، މި ދިވެހި ފަސްގަނޑުން އިސްލާމްދީން ފުހެލައި، ދިވެހިރާއްޖޭގައި ސެކިއުލަރ ވެރިކަމެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ފާޅުވެގެންވާ ހެއްކެއްކަމާއި، އެހާމެ ނުރައްކާތެރިކަން ބޮޑު، އަދި މުޖްތަމަޢުގެ ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ނަގައިލާފަދަ އެތައް ވާހަކަތަކެއް އެކުލެވިގެންވާ ލިޔުމެއްކަމަށެވެ.

މީގެ އިތުރުން މިރިޕޯރޓުގެ ނުރައްކާތެރިކަން ކޮންމެ ދިވެހި ރައްޔިތަކަށްމެ އެނގުމީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓުމަށްޓަކައި ލާޒިމުކަމަކަމެއްކަމާއި މިރިޕޯޓުން ފާހަގަވާ ބައެއްކަންކަން ދިވެހިރައްޔިތުންގެ ސަމާލުކަމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުން ގެނެސްފައިވެއެވެ. އެކަންތައްތަކަކީ:

1. މާތް ﷲ ގެ މަތިވެރި ޛާތުފުޅާއި، އެއިލާހުގެ ޞިފަފުޅުތަކާމެދު ޝައްކު އުފެއްދުން.

2. ﷲ ވޮޑިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ބުނެފައި އޮތުމުން، އެކަމަށް އިންކާރުކުރުން.

3. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުތަކުގައިވާ ކަންކަމުގައި ޝައްކު އުފައްދައި އެބަސްފުޅުތައް ދޮގުކޮށް، އިސްލާމީ ޝަރީޢަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދެއްކުން.

4. ޤުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ޙަޤީޤަތެއް ނޫން ކަމަށް ބުނުން.

5. ޙައްދުފަހަނައެޅުމާއި ތަކުފީރީ ފިކުރަށް ޙަދީޘް ތަކުގައި ބާރުއަޅާފައިވާކަމަށް ބުނެ، އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވުން.

6. އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ލޯބިވާން ޖެހޭނެކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ހާމަކޮށްފައި ވުން.

7. އެކަލޭގެފާނަށް ފާޑުކިޔުމީވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމުގައި ބުނެފައި އޮތުން.

8. ރާއްޖޭގެ އިސްލާމީ މުޤައްރަރު ކިޔަވާ ކުދިންގެ ހިތުގައި އިސްލާމީ ޢަޤީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން.

9. ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔުން.

10. ޒިނޭއާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަންކަމަކީ ޙަރާމްވެގެންވާ ހަޑިމުޑުދާރު ޢަމަލުގެ ގޮތުގައި ޞިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ފާޑުކިޔުން.

11. އިސްލާމް މުޤައްރަރުގެ ސަބަބުން "އިންޓަފެއިތް ޑައިލޮގު" (ހުރިހާ ދީންތައް އެއްކުރުމަށް ގޮވޭގޮވުންތަކަށް) ހުރަސްއެޅޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުން.

12. އިސްލާމް ދީނަށް ލޯބި ޖައްސުވާގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އެކުދިން އުޅޭނެ ދީނެއް އިޚްތިޔާރު ކުރުމުގެ ފުރުޞަޠު އެކުދިންނަށް ދޭން ޖެހޭނެކަމަށް ބުނުމާއި، އިސްލާމް މުޤައްރަރުން އެކުދިން ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަމަށް ބުނެ ފާޑުކިޔުން.

13. އަޙުމަދީ ޤާދިޔާނިއްޔާއަކީ އިނގިރޭސީން އުފައްދާފައިވާ ކުފުރުގެ މަޛުހަބެއްކަމުގައި އޮތުމުން ދަރިވަރުންނަށް "ތަކްފީރު" ކުރަން ދަސްކޮށްދޭ ކަމަށް ބުނުމާއި، އެކަމުގެ ސަބަބުން ހައްދުފަހަނައަޅައި ދިޔުމުގެ ފިކުރު ދަރިވަރުންގެ ހިތުގައި އުފެދޭކަމުގައި ބުނުން.

14. ސުންނީ އިސްލާމަކީ ހަމައެކަނި ޞައްޙަ މަޛުހަބުކަމުގައި އުނގަންނައިދީ، މަގުފުރެދިފައިވާ އެހެނިހެން ފިކުރުތަކަށް ފުރުޞަތު ނުދިނުމާއި، ސޫފިޒަމްއާއި ޝީޢީންގެ ޢަޤީދާއާ ގުޅޭ ތައުވީލުތައް އެއްގޮތަކަށްވެސް އުނގަންނައި ނުދޭތީ ކަންބޮޑުވުން.

15. ޔަހޫދީންގެ ނުބައިކަމުގެ ވާހަކައާއި، ނަބިއްޔާ صلى الله عليه وسلم ޤަތުލު ކުރުމަށް ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާންކޮށްފައިވާތީ ކަންބޮޑުވެ ފާޑުކިޔާފައިވުން.

16. މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގާފައިވާ އަދި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަ އިސްލާމީ ތާރީޚާ ބެހޭ ފިލާވަޅުތަކުގައި ހުރުމީ ރުޅިވެރިކަމާއި ނަފުރަތު އުފައްދާކަމެއް ކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން.

17. ހުޅަނގުގެ ފިކުރީ ހަނގުރާމައަކީ އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމުގައި އޮތުމުން ދަރިވަރުންގެ ހިތްތަކުގައި "ތަކްފީރީ" ފިކުރު އުފައްދާކަމުގައި ބުނުން.

18. ޑިމޮކްރަސީ އަށްވުރެ އިސްލާމީ ޝަރީޢަތް އިންސާނިއްޔަތަށް ރަނގަޅުވެގެންވާކަމުގައި ބުނެފައި އޮތުމުން އެކަމަށް އިންކާރުކުރުން.

19. ހިޔުމަން ރައިޓްސް އެންމެ ފުރިހަމައަށް އޮތީ އިސްލާމް ދީނުގައިއޭ ބުނެފައި އޮތުމުން އެކަމަށް ފާޑުކިޔުން.

20. ޙައްދުތަކާއި ޤިޞާޞްއާއި މަރުގެ ޙުކުމާގުޅޭ ގޮތުން ހުރި ފިލާވަޅުތަކަށް ފާޑުކިޔުން.

21. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަމަށް ޞިފަކުރުން.

22. އިސްލާމްދީނަކީ ޞުލްޙަވެރި ދީނެއް ނޫންކަމަށް ދޭހަވާ މޭރުމުން މުޅި ބަޔާނުގެ ރާގު ބައްޓަންކޮށްފައިވުން.

23. ހުކުރު ޚުޠުބާތަކުގައި ނަރަކައާއި ކަށްވަޅާއި، ޢަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ އޭގެސަބަބުން ބިރުވެރިކަން އުފެދޭކަމުގައި ބުނެ އެކަމަށް ފާޑުކިޔުން.

24. އިންސާނީ އެހެނިހެން ނަޡަރިއްޔާތަކާއި އައިޑިއޮލޮޖީފަދައިން އިސްލާމްދީނަކީ ޚިޔާލީ ފުލޯކުތަކެއްގެ މައްޗަށް ބިނާވެފައިވާ ފިކުރެއްކަމުގައި ވިސްނައިދިނުމަށް މުޅިރިޕޯޓް ފަރުމާކޮށްފައިވުން.

25. ﷲ އާއި ރަސޫލާ صلى الله عليه وسلم އަކީ މުޤައްދަސްކަން ދޭންޖެހޭ 2ފަރާތް ނޫންކަމުގައި ވިސްނައިދިނުމަށް މަސައްކަތްކޮށްފައިވުން.

"ޣައިރުދީންތަކުގެ ޝިޢާރުތައް މި އިސްލާމީ މުޖްތަމަޢުގައި ފާޅުކޮށް، އިސްލާމް ދީނުގެ ޢަޤީދާ ދިވެހިންގެ ތެރެއިން ނެތިކޮށްލައި، ޣައިރު ދީންތަކަށް ޖާގަ ދިނުމަށް ހުޅަނގުގެ ގައުމުތަކުގައި ވަކާލާތު ކުރަމުންދާ ފަރާތްތަކާމެދު ސަމާލުވެ، އެފަރާތްތަކުގެ މަސައްކަތްތަކަށް ފާރަވެރިވެ، މި މާތްދީން، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ހުރިހާ ދިވެހިރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ އެންމެ އިސް ވާޖިބެވެ. އެހެންކަމުން، މި ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި އެންމެންނާއި، ރިޕޯޓު ޝާއިޢުކޮށް ދިވެހި ރާއްޖޭގައި ސެކިއުލާރިޒަމް ފަތުރަން ފާޅުގައި މަސައްކަތް ކުރަމުންދާ " މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކު" އުވާލައްވައި، އެޖަމްޢިއްޔާގެ އިސްވެރިންގެ ތެރެއިން ސަރުކާރުގެ މަޤާމުތަކުގައި ތިބި މީހުން ސަރުކާރުގެ ވަޒީފާތަކުން ދުރުކޮށް، އެފަރާތްތަކާމެދު ވަގުތުން ވަގުތަށް ޤާނޫނީ ފިޔަވަޅު ތަންފީޒު ކުރެއްވުމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި އަދި މަސްއޫލުވެރި، ކަމާބެހޭ އެންމެހާ ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުން ގޮވާލަމެވެ!" ސަލަފް ބަޔާނުގައި ބުނެފައިވެއެވެ.

ސަލަފްގެ ބަޔާނުގައި ސިޔާސީ ފަރާތްތަކުން މި ވާހަކަ އޮއްބާލާ މައްސަލައިގެ މިޞްރާބު ކަސިޔާރުކޮށްލުމަށް ފާޑުފާޑުގެ ސިޔާސީ ފިނި ޢުޛުރުތައް ދެއްކުމަކުން އެމީހުން ކޮށްގެން އެތިބަ ބޮޑު ޖަރީމާއެއް ފޮރުވައެއް ނުލެވޭނެކަން ކަމަށް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް