އެމްޑީއެންގެ ރިޕޯޓުގެ އުނިކަމަކީ ރަސޫލާއަށް ސަލަވާތް ފާތިހާ ކިޔަވާފައި ނެތުން- ނަޝީދު

08 Oct 2019 | 15:10

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް(އެމްޑީއެން)އިން ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގައި ނުރަނގަޅަށް ކޮށްފައި ހުރި ކަމަކީ، ރަސޫލާއަށް ސަލަވާތް ނުކިޔުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދީނަށް ފުރައްސާރަ ކުރުމަށްފަހު އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާއަށް ކުއްލި މައްސަލައެއް ވެއްދުމުން، އެ މައްސަލައިގައި މެމްބަރުން ބަހުސް ކުރައްވައި ނިންމަވާލެއްވުމުން ރައީސް ނަޝީދު އިއްޔެ މަޖިލީހުގައި ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގައި 3 ނުކުތާއެއް ފާހަގަވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި އުނިކޮށް ނުވަތަ ނުރަނގަޅުކޮށް ކޮށްފައިވާ ކަމަކީ ކީރިތި ރަސޫލާގެ ނަންފުޅަށް ފަހުގައި ސަލަވާތް ފާތިހާ ކިޔަވާފައި ނެތުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

" ކީރިތި ރަސޫލާއަށް އަޅުގަނޑުމެން ބަހައްޓާން ޖެހޭ، ދޭން ޖެހޭ ގަދަރާ އިހްތިރާމް އެ ރިޕޯޓުގައި، ރަސޫލާގެ ނަންފުޅާ ގުޅިގެން އައިސްފާ ނުވާކަން. އެއީ ކީރިތި ރަސޫލާގެ އަބުރުފުޅާ، ޝަހްސިއްޔަތާ، އަދި ގަދަރާއި ކަރާމާތަށް އުނިކަމެއް އަންނަ ކަމެއް ކަމުގައި، ހަމަ ގައިމުވެސް އިއްޒަތްތެރި ގިނަ މެމްބަރުންނަށް ބަލައިގަނެވޭ." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ކަމަކާ ދެކޮޅަށް ވާހަކައެއް ހިމަނާފައިވާނެ ކަމަށް އިއްޒަތްތެރި މެމްބަރުންނަށް ނުދެންނެވޭނެ ކަމަށެވެ. އަދި އެފަދަ ކަންކަން އެނގޭނީ ވަކި ހާއްސަ އިލްމެއް ލިބިފައިވާ ދީނީ އިލްމުވެރިންނަށް ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވި ކަމމަށް ބެލެވޭނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުން ނެތް މައްސަލަތަކުގައި ކަމަށާއި، ހިޔާލު ތަފާތުވުން ހުރި ކަންކަމުގައި ދީނީ އިލްމުވެރިން ބަހުސްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު، އެމްޑީއެންގެ ރިޕޯޓުގައި ވަނީ ރާއްޖޭގައި ކިޔަވާދޭ އިސްލާމް ފޮތްތަކުގައި ސައިންޓިފިކް ހެކީގެ އަލީގައި ތެދެއް ކަމަށް ސާބިތު ނުކުރެވޭ ކަންކަމަކީ ތެދު ކަމަށް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ކީރިތި ރަސޫލާގެ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަން ދޭހަވާ ގޮތަށްވެސް އެ ރިޕޯޓުގައި ލިޔެ، އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވެއެވެ.  

Advertisement

ކޮމެންޓް