ބްރޯޑްކޮމްއިން ޝަހީބު ވަކިކުރުން މާދަމާއަށް އެޖެންޑާކޮށްފި

08 Oct 2019 | 21:13

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސާ ފާތިމަތު ޒައިނާ ވަކިކުރުމުގެ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި މައްސަލަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން މަޖިލީހުގެތަޅުމަށް ފޮނުވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅުގައެވެ. މިގޮތަށް އެ ކޮމެޓީން އެ މައްސަލަ އަލުން ތަޅުމަށް ފޮނުވަން ޖެހުނީ މަޖިލީހުގެ އާ ގަވާާއިދުގެ ސަބަބުންނެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ބްރޯޑްކޮމްގެ މެންބަރުން ހާޒިރުވުމަށްފަހު ވަނީ ރާއްޖެޓީވީ ބަންދުކުރުމަށް ސިޔާސީ ނުފޫޒު ފޯރިކަމަށް ވިދާޅުވެ، ވަކި ޗެނަލްތަކަކަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުނުކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް އެކުލަވާލައި، ކޮމިޝަނުގެ ވަކިވަކި މެންބަރުން ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އެ ކޮމެޓީން ނިންމާފައިވަނީ ކޮޮމިޝަނުގެ ރައީސް ޝަހީބާއި ނައިބު ރައީސާ ޒައިނާ ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށެވެ.

Advertisement

ކޮމެންޓް