މާލޭގެ ސްކޫލްތަކުން ޖާގަ ދިނުމުގައި ދެން އިސްކަންދޭނީ މާލޭގެ ރަށްވެހިންނަށް!

09 Oct 2019 | 16:02

އަންނަ ދިރާސީ އަަހަރުގައި މާލޭގެ ސްކޫލްތަކުން ޖާގަދިނުމުގައި އިސްކަން ދޭންވާނީ މާލޭގެ ރަށްވެހިންނަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީން މިގޮތަށް ނިންމައި ވަނީ މާލޭ ސަރަހައްދުގައި ހުރި ހުރިހާ ސަރުކާރު ސްކޫލްތަކަށް ސާކިއުލާާއެއް ފޮނުވާފައެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލެއަށް ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބަލައި އެ ސަރަހައްދަކުން ދަރިވަރު ނިސްބަތްވާ ސްކޫލަކުން ޖާގަދިނުމަށް އިސްކަންދޭންވާނެކަމަށެވެ.

އަދި ދެ ވަނައަށް އިސްކަންދިނުމަށް ހަަމަޖެހިފައިވަނީ، އެ ސްކޫލުގައި އުޅޭ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ކުދިންނަށެވެ. އެކަމަކު އެ ދަރިވަރުންނަކީވެސް އެ ސްކޫލު ހިމެނޭ ސަރަހައްދަށް ނިސްބަތްވާ ކުއްޖަކަށް ވާންޖެހެއެވެ.

ދަރިވަރުން ސުކޫލަށް ވެއްދުމުގައި އިސްކަންދިނުމުގައި ތިން ވަނައަށް އިސްކަންދެނީ، އެ ސްކޫލުގައި ކިޔަވައިދޭ ދާއިމީ ޓީޗަރުންގެ އުފަން ދަރިން ނުވަތަ ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންނަށެވެ.

އެ ކަންކަމަށް ބަލައި ޖާގަތައް ހަމަޖެއްސުމަށްފަހު، ބާކީހުރި ޖާގަތަކަށް ދަރިވަރުން ކަނޑައަޅާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލު ސަރަހައްދާއި އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހުގައިކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާއި ގުޅިގެން ގިނަބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އަތޮޅުތެރެއިން ފެންވަރު ރަނގަޅު ތައުލީމެއް ހާސިލްކުރުމަށް މާލެ އަންނަ ކުދިންނާއި، މާލޭގައި ކުއްޔަށް އުޅޭ ދަރިވަރުންނަށް ސްކޫލްތަކުން ޖާގަ ހޯދުމަށް މި އުސޫލުގެ ސަބަބުން ދަތިވާނެކަމަށް ދަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް